ވިޔަފާރި

10 އަހަރަށްފަހު ބްރިޓިޝް އެއަރވޭސް ޕާކިސްތާނަށް


ޕާކިސްތާނަށް ދަތުރުކުރުން ހުއްޓާލާފައިވާ އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

10 އަހަރަށްފަހު ޕާކިސްތާނަށް ޝެޑިއުލްތައް ފެށުމަށް ބްރިޓިޝް އެއަރވޭސްއިން ނިންމާފައި މިވަނީ، 2008 ވަނަ އަހަރު އިސްލާމްއާބާދުގައި ދިން ބޮމުގެ ޙަމަލާއަކާ ގުޅިގެން އެޤައުމަށް ދަތުރުކުރުން ހުއްޓާލާފައިވަނިކޮށެވެ.

ބްރިޓިޝް އެއަރވޭސްއިން ބުނީ، އެއަރލައިންގެ ދަތުރުތައް އިނގިރޭސިވިލާތުގެ ހީތުރޯއިން ޕާކިސްތާނުގެ އިސްލާމްއާބާދަށް އަލުން ފަށާއިރު ހަފްތާއަކު ޝެޑިއުލް 3 ދަތުރު އޮންނާނެކަމަށެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ޕާކިސްތާނަށް އަލުން ފެށުމަށް ނިންމާފައިވާއިރު، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ވަނީ އައު އެއަރޕޯޓެއްވެސް ހުޅުވާފައެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ މި އެއަރޕޯޓަކީ ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ފެށިގެން ދިޔަ ސަބަބެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން ޕާކިސްތާނުން އިނގިރޭސިވިލާތަށް ދަތުރުކުރާ ހަމައެކަނި ޑައިރެކްޓް އެއަރލައިނަކީ ޕާކިސްތާނުގެ ޤައުމީ އެއަރލައިން އެކަންޏެވެ.