ވިޔަފާރި

ޖަޕާން އެއަރލައިންސްއާއި މެލޭޝިޔާ އެއަރލައިންސް ގުޅެނީ


ޖަޕާނުގެ އެއަރލައިނެއް ކަމަށްވާ ޖަޕާން އެއަރލައިންސްއާއި މެލޭޝިޔާގެ މެލޭޝިޔާ އެއަރލައިންސް ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ޖަޕާނާއި މެލޭޝިޔާއާ ދެމެދު ބާއްވާ ފްލައިޓްތައް ދެ ފަރާތުން ގުޅިގެން އޮޕަރޭޓްކުރުމަށް މަގުފަހިކޮށްދޭ އެއްބަސްވުމެކެވެ.

ޖަޕާން އެއަރލައިންސްގެ ރައީސް ޔުޖީ އަކަސަކާ ވިދާޅުވީ ޤާއިމްވެގެން ދިޔަ އެއްބަސްވުމުގެ ސަބަބުން މުސްތަޤްބަލުގައި ދެ އެއަރލައިންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އެގޮތުން މެލޭޝިޔާއާއި ޖަޕާނާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން، އެމެރިކާ ސަރަޙައްދާއި އޭޝިޔާގެ އެހެން ސަރަޙައްދުތަކަށް ކުރާ ދަތުރުތައްވެސް ދެ އެއަރލައިން ގުޅިގެން އޮޕަރޭޓްކުރުމަށް އެއްބަސްވުމުގެ ސަބަބުން މަގުފަހިގެންދާނެކަމަށް ޖަޕާން އެއަރލައިންސްގެ ރައީސް ވިދާޅުވިއެވެ.

ޖަޕާން އެއަރލައިންސްއާއި މެލޭޝިޔާ އެއަރލައިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި މިވަނީ އަޑިއަޅާލާފައިވާ މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާ ގުޅޭގޮތުން އެޤައުމުގެ ސަރުކާރުން ގޮތްތަކެއް ނިންމަން ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެއަރލައިން ހުއްޓާލާނީތޯ، ވިއްކާލާނީތޯ ނުވަތަ އިތުރަށް ފައިސާ ޚަރަދުކުރުމާމެދު މެލޭޝިޔާގެ ސަރުކާރުން ދަނީ ވިސްނަމުންނެވެ.

އަނެއްކޮޅުން ޖަޕާން އެއަރލައިންސްއަކީ މީގެ 8 ވަރަކަށް އަހަރުކުރިން އަޑިއަޅާލުމަށްފަހު، ގިނަ މަސައްކަތްތަކެއް ކޮށްގެން އަލުން ކޮޅަށް ނަގާފައިވާ އެއަރލައިންއެކެވެ. އެހެންކަމުން މެލޭޝިޔާ އެއަރލައިންސް އަލުން ކޮޅަށްޖެހުމަށް ޖަޕާނު އެއަރލައިންސްގެ ފަރާތުން ރަނގަޅު އެހީތެރިކަމަކާ އިރުޝާދުތަކެއް ލިބިގެންދާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ޖަޕާނު އެއަރލައިންސްގެ ރައީސް ވިދާޅުވީ، ދެ އެއަރލައިންގެ ދެމެދުގައި ޤާއިމްކުރެވިގެންދިޔަ އެއްބަސްވުމަށް ދެ ޤައުމުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ ރުހުން ލިބުމުން، އިތުރު މަސައްކަތްތައް ފެށިގެންދާނެކަމަށެވެ.
ނަމަވެސް ޖަޕާނު އެއަރލައިންސްއިން މެލޭޝިޔާ އެއަރލައިންސްއަށް އިންވެސްޓެއްކޮށްފާނެތޯ ބުނަން އަދި އަވަސްކަމަށް ތަޖުރިބާޖާރުން ޤަބޫލުކުރެއެވެ.