ޚަބަރު

އޯއައިސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންފި


އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މާތްވެގެންވާ މައްކާގައި ބޭއްވި މި ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މި ސަމިޓުގައި ވާހަކަފުޅުދެކެވުނު މުހިންމު މައްސަލަތަކުގެ ތެރޭގައި އަދުގެ ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިތުރު ޢީދުގެ އުފާ ފާހަގަކުރުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތުގެ ހަމަޖެހުމާއި ޞުލްހަ މަސަލަސްކަމަށް އެދި ﷲގެ ހަޟުރަތުގައި ދުޢާ ދެންނެވުމަށް އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން އެދިވަޑައިގެންފައެވެ.