ޚަބަރު

ހަތަރު ރަށެއްގައި މުހިއްމު މަޝްރޫޢުތަކަށް އިންޑިއާއިން 15 މިލިއަން ރުފިޔާ


އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ތެރެއިން އިތުރު ހަތަރު ރަށެއްގައި މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް 15 މިލިަޔަނަށްވުރެ ގިނަރުފިޔާ ކަނޑައަޅައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ ނުވަތަ 6.9 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް ހަ މިލިޔަން ސާދަ ހާސް ނުވަސަތޭކަ ހަތްދިހަ އެއް ރުފިޔާ ކަނޑައަޅުއްވާފައިވާކަމަށެވެ.

އަދި މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެއެރަށާ އެއްފަޅެއްގައި އޮންނަ އެއަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅުއްވާކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް 8 މިލިއަން ރުފިޔާވަނީ ކަނޑައަޅުއްވާފައެވެ.

މި މަޝްރޫޢު ތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫގައި ތަރައްޤީކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރުން ހުޅުދޫގެ އިތުރުން މުޅި އައްޑޫ ސިޓީގައި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ޚިދުމަތް ދޭނެއެވެ. މި ސެންޓަރަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސެންޓަރު ހިންގުމަށްޓަކައި އެ ތަނުގައި މަސައްކަތް ކުރާ ކައުންސެލަރުންނާއި ސޯޝަލް ވަރކަރުންނާޢި އެހެނިހެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަގު ފަހިކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވޭ. އައްޑޫ ސިޓީ ހުޅުދޫގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސެންޓަރެއް މިވަގުތު ނެތްނަމަވެސް މި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތައް ގިނައެވެ.

މީގެއިތުރުން ބ.ފެހެންދޫގެ އާބާދީ ކުޑަވުމުގެ ސަބަބުން ސްކޫލް ބަންދުކުރުމާ ގުޅިގެން، އެރަށުގެ ކިޔަވާކުދިން ތައުލީމު އުގެނެމުން އެރަށާއި އެއް ފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގީއެއްގައި ދަތުރުކުރާތީ އެކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރުމަށް އިންޑިއާއިން ދެއްވި އެހީގައި ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސަން ނިންމައި ފައިސާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ފޮރިން މިނިސްޓްރީން ވިދާޅުވީ، މިވަގުތު ކުދިން ދަތުރުކުރަމުންދާ އިންތިޒާމު ހަމަޖައްސަވައިފަނީ ކައުންސިލާއި ދަރިވަރުންގެ ބެލެނިވެރިން ގުޅިގެންކަމަށެވެ. އެހެންނަމަވެސް މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދިއުމާއެކު ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފާނެ ކަމަށް ބެލެވޭތީ އަލަށް ފަށާ ޕްރޮޖެކްޓުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ގޮއިދޫ ސްކޫލަށް ދެވޭނެ މަގު ފަހިވެގެންދާނެކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ތިން ވަނަ މަޝްރޫޢުގެ ގޮތުގައި ފޮރިންގ މިނިސްޓްރީން މިއަދު ހާމަކުރެއްވި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް މަސްވެރިކަން ކުރާ ފަރާތްތައް ގިނަ ދެ ރަށެއްގައި ބެހެއްޓޭނެއެވެ. އައިސް ޕްލާންޓުތައް ބެހެއްޓުމުގެ ސަބަބުން އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށާއި، މި ޕްރޮޖެކްޓުގެ ދަށުން އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިޖްތިމާއީ، އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.