ޚަބަރު

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ހިސާން ޙުސައިން ޢައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، މ.ނޫހިރި އަލްއުސްތާޛާ ޙިސާން ޙުސައިން ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ ޙިސާން ޙުސައިން އެމަޤާމަށް ހަމަޖެއްސެވީ ޤާނޫނުއަސާސީގެ ސަތޭކަ ފަންސާސް އަށްވަނަ މާއްދާގެ (ބ)އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3ވަނަ މާއްދާގެ 5ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛާ ޙިސާން ޙުސައިން ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އޭނާ ކުރެއްވިއެވެ. އަލްއުސްތާޛާ ޙިސާން ޙުސައިންއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛާ ޙިސާން ޙުސައިންއާ ވަނީ ޙަވާލުކުރައްވައިފައެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމާއެކު މަޖިލީހުގެ ރައީސަކަށް އަލަށް އިންތިޚާބުކުރި ރައީސް، މުޙައްމަދު ނަޝީދުވެސް ޖުޑީޝަލް ސަރވިސްކޮމިޝަނުގެ މެންބަރުކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އައްޔަންކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސްކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ، އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރެއްގެ އިތުރުން، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވާ މެމްބަރުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އިންތިޚާބު ކުރައްވާފައިވާ ޤާނޫނީ ވަކީލުގެ އިތުރުން، ބަންޑާރަ ނައިބެވެ.