ޚަބަރު

އިތުރު 5 ކޮމިޓީއާއެކު ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފި


އިތުރު ފަސް ކޮމިޓީ ހިމެނޭހެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ޖަލްސާގައި ވަނީ މަޖިލީހުގެ ޤަވާއިދު އިސްލާޙުކުރުމަށް އެކުލަވާލި 11 މެންބަރުންގެ ކޮމިޓީން ނިންމާފައިވާ ގޮތަށް މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 13 އިން 17 އަށް އިތުރު ކުރުމަށާއި، މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ބަހުސްގެ ވަގުތު 4 ގަޑިއިރަށް އިތުރުކުރުމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްވީ 77 މެންބަރުންގެ އިއްތިފާގުންނެވެ.
ވަގުތީ ކޮމެޓީން ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ފަސް ކޮމެޓީ އިތުރުކޮށް ބައެއް ކޮމެޓީތަކުގެ ނަންވެސް ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން އަލަށް އެކުލަވާލަން ފާސްކުރި ފަސް ކޮމިޓީއަކީ:
1- ޖުޑިޝަރީ ކޮމިޓީ
2- ލާމަރުކަޒީ ކޮމިޓީ
3- އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
4- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް / ސަރުކަރު ހިއްސާވާ ކުންފުނިތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީ
5- ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އެވެ.

މީގެއިތުން ޤައުމީ ސަލާމަތުގެ ކޮމިޓީގެ ނަން "ޤައުމީ ސަލާމަތާއި ބޭރުގެ ގުޅުންތަކާއި ބެހޭ ކޮމެޓީ"ގެ ނަމަށް ބަދަލުކުރުމަށާއި، ޤައުމީ ތަރައްޤީގެ ކޮމެޓީގެ ނަމުގައި އޮތް ކޮމިޓީގެ ނަން "ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީ"ގެ ނަމަށް ބަދަލުކުރަން މަޖިލީހުންވަނީ ފާސްކުރައްވާފައެވެ. މިއާއެކު މަޖިލީހުގެ ކަންކަމާބެހޭ ކޮމިޓީ ތަކުގެ އަދަދަކީ ތިނެކެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ކަންކަން ބެލުމަށް 14 ކޮމިޓީ އޮންނާއެވެ.

މިޖަލްސާގައި ފާސްކުރި ވަގުތީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން މަޖިލީހަށް ހުށައަޅާ ބިލްތަކާއި މައްސަލަތަކަށް ބަހުސްކުރަން 4 ގަޑިއިރު ލިބޭނެއެވެ. އަދި އޭގެތެރެއިން އެއްގަޑިއިރު ބަހާލާފައިވަނީ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުންނަށްވެސް ހަމަހަމަ އުސޫލުންނެވެ. އެގޮތުން މި އެއްގަޑިއިރުގެ ތެރެއިން ކޮންމެ ޕާޓީއަކަށާއި އަމިއްލަ މެންބަރުންނަށް 10 މިނެޓްގފެ ވަގުތު ލިބިލައްވާނެއެވެ. އަދި ބާކީ 3 ގަޑިއިރު ބަހާލާފައިވާނީ މަޖިލީހަށް ސިޔާސީ ޕާޓީތަކުން މެންބަރުން އިންތިޚާބުވެފައިވާ މިންވަރަށް ބަހާލައިގެންނެވެ.

މީގެއިތުރުން މިޖަލްސާގައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށް 11 މެންބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލަން ފާސްކޮށް، ހުރިހާ ސިޔާސީ ޕާޓީތަކާއި، އަމިއްލަ މެންބަރެއްވެސް ހިމެނޭހެން އެކޮމެޓީގައި ތިއްބަވާނެ މެންބަރުންވެސް ކަނޑައަޅާފައެވެ. މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:

1- މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް.
2- ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން.
3- މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު.
4- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް.
5- ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސެއިން.
6- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު.
7- އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން.
8- ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގް.
9-ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް.
10- ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު.
11- މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ.

ޤަވާއިދު އިސްލާޙުކުރާ ވަގުތީ ކޮމެޓީގެ މުޤައްރިރު ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ އެކޮމެޓީން ދެން މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާނީ ކޮމިޓީތަކުގެ މެންޑޭޓްތައް ކަނޑައަޅައި އެމެންޑޭޓްތައްކަމަަށެވެ.

19 ވަނަ މަޖިލީހުގެ 3 ވަނަ ޖަލްސާގައި ވަނީ މިނޫނަސް މުހިއްމު ބައެއް މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިޖަލްސާގައި ވަނީ މިދިޔަ ހަފްތާގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރި ވިއްސާރާގައި ރަށްރަށަށް ލިބުނު ގެއްލުންތަކުގެ މައްސަލަ މަޖިލީހުން ބަލާ އެކަންކަން ހައްލު ކުރުމަށް ބާރު އެޅުމުގެ މައްސަލަ ބަލައިގަނެ އެކަމަށް މެންބަރުންގެ މެދުގައި ބަހުސްކުރައްވާފައެވެ. މި މައްސަލައަށް ވާހަކަދެއްކެވި މެންބަރުންގެ ތެރެއިން ޖުމްލަގޮތެއްގައި ހުރިހާ މެންބަރުންވެސް ވަނި މި މައްސަލައަށް ތަޢީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

މީގެއިތުރުން މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރާއީސާއި ނާއިބުރައީސް ފިޔަވައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން ވެސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިނާޔަތާއި ރައްކާތެރިކަމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގެ އިބްތިދާއީ ބަހުސްވެސް މިޖަލްސާގައި ވަނީ ކުރިއަށްގެންގޮސްފައެވެ.