ޚަބަރު

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޖަރުމަނަށް


ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ޖަރުމަންވިލާތުގެ ބަރލިންގައި ބާއްވާ މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށް ކުރާ އަސަރުތަކާއި ބެހޭ ގޮތުން ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި، މަދަނީ މުޖްތަމަޢުގެ އިތުރުން ޕްރައިވެޓް ސެކްޓަރ އަދި ރިސަރޗްކުރާ ފަރާތްތަކުން މަތީ ފަންތީގައި މަޝްވަރާކުރާނެއެވެ.

މި ދަތުރުފުޅުގައި 4 ވަނަ ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައިވެސް މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބިޒްނަސް ޑައިލޮގް އޮންނާނީ ބަރލިންގައި މި މަހުގެ 5 ވަނަ ދުވަހުއެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ޖަރުމަންވިލާތުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހެއިކޯ މާސްގެ ދައުވަތަކަށެވެ.