ވިޔަފާރި

ރަޝިޔާގައި 5ޖީ ނެޓްވޯކެއް ޤާއިމްކުރަން ވާވޭއާ ޙަވާލުކޮށްފި!


ރަޝިޔާގެ ފުރަތަމަ ފައިވް-ޖީ ނެޓްވޯކް ތަރައްޤީކުރުމުގެ މަޝްރޫޢު ޗައިނާގެ ވާވޭ ކުންފުންޏާ ޙަވާލުކޮށްފިއެވެ.

ޗައިނާގެ ވާވޭ ކުންފުންޏާއި ރަޝީޔާގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ އެމް.ޓީ.އެސްއާ ދެމެދު ފައިވް-ޖީ ނެޓްވޯކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ޗައިނާގެ ރައީސް ޝީ ޖިން ޕިން ރަޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމް.ޓީ.އެސްގެ ރައީސް އެލެކްސީ ކޮމްޔާ ވިދާޅުވީ، މީގެ ސަބަބުން ފައިވް ޖީ ނެޓްވޯކްތައް ތަރައްޤީކުރުމުގެ އިތުރުން، ރަޝިޔާއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ވާވޭ ކުންފުނީގެ ބޯޑުގ ޗެއަރމަން ގުއޯ ޕިންގ ވިދާޅުވީ، ފައިވް ޖީ ނެޓްވޯކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރަޝިޔާގެ ރައީސްއާއި ޗައިނާގެ ރައީސް ބައިވެރިވެވަޑައިގަތުމުން ޗައިނާއާއި ރަޝިޔާއަށް ޓެކްނޮލޮޖީގެ ޕާޓްނަރޝިޕްތައް މުހިއްމު މިންވަރު ހާމަވާކަމަށެވެ.

ރަޝިޔާގައި ފައިވް-ޖީ ނެޓްވޯކެއް ތަރައްޤީކުރުމުގެ މަސައްކަތް ވާވޭއާ ޙަވާލުކޮށްފައިވަނީ، ވާވޭއަކީ ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ ބައެއްކަމަށް ބުނެ، އެކުންފުނި ބޮއިކޮޓްކުރުމުގެ މަސައްކަތް އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު ވާވޭގެ އުފެއްދުންތައް ގަތުން އެމެރިކާގެ ކުންފުނިތަކުން ވަނީ ހުއްޓާލާފައެވެ. އަދި އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކުންވެސް ދަނީ މިގޮތަށް ޢަމަލުކުރަމުންނެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ ވާވޭއަށް ދެކޮޅަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަކީ އެންމެ ބާރުގަދަ އިޤްތިޞާދަށްވުމަށް ޗައިނާއިން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އެމެރިކާއިން ކުރާ ކަންތައްތަކެއްކަމަށެވެ.

ވާވޭއަށް ކުރާ ތުހުމަތު އެކުންފުނިން ދޮގުކުރާއިރު، ވާވޭއަށް ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށްވެސް ގެއްލުންވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ ވާވޭގެ ފޯނުތަކަށް ބޭނުންވާ ދެބައިކުޅަ އެއްބައި ޗިޕްތަކަކީ އެމެރިކާގެ ކުންފުނިތަކުން ގަންނަ ތަކެއްޗަށްވުމެވެ. އަދި އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ފައިވް ޖީ ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތަށްވެސް، އެމެރިކާ ސަރުކާރުގެ އަމަލުތަކުން ބޮޑު އަސަރެއް ކުރާނެކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.