ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުން ލެޖެންޑް އެފްސީ އާއި ހެލޯ ބޭބީ ޖާގަ ހޯދައިފި


ބްރައިޓް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުން ލެޖެންޑް އެފްސީ އާއި ހެލޯ ބޭބީ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ލެޖެންޓް އެފްސީ ޖާގަ ހޯދީ މިރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗްގައި ވައި މެކްސް އެފްސީ އާއި ވާދަކޮށް ޕެނަލްޓީގައި 7 ލަނޑު 6 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންއޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލީޑްނަގާ ކުރި ހޯދީ ވައި މެކްސްއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޙާންއެވެ. މިލަނޑަށްފަހު ލެޖެންޑް ޓީމުންވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާ، ވައި މެކްސްގެ ގޯލްއަށް ނުރައްކާކޮށްފައެވެ. އަދި ވައިމެކްސް ޓީމުންވެސްވަނީ ލެޖެންޑް ޓީމްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައެވެ. މެޗް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ލެޖެންޑް ޓީމުންވަނީ ގޯލެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ރިލްވާން ވަހީދުއެވެ.

މެޗްގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލެޖެންޑް ޓީމުން ކުރި ހޯދީ 7 ލަނޑު 6 ލަނޑުންނެވެ.

މިރޭ ކުޅުނު 4ވަނަ ކުއާޓަރ ފައިނަލް މެޗް ކާމިޔާބުކޮށް ހެލޯ ބޭބީ ސެމީ ފައިނަލުން ޖާގަ ހޯދީ އޮޅުވާލި ޓީމް 1 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. ދެ ޓީމްގެ ފަރާތުންވެސް ގިނަ ހަމަލާތެއް ފެނިގެންދިޔަ މިމެޗް ހެލޯ ބޭބީ އަދި އަދި އޮޅުވާލީ ޓީމްގެ ދެ ކީޕަރުންވެސްވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ހެލޯ ބޭބީއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރަޝީދުއެވެ.

މިމުބާރާތުގެ ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އާއި މަދާމާ ރޭގައެވެ.

12 ޓީމްއަކުން ބައިވެރިވި މިމުބާރާތް މިއަހަރުވަނީ ހަތަރު ގުރޫޕްއަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕްއެއްގައި 3 ޓީމް ނިމެނެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.