ވިޔަފާރި

ވާވޭގެ ފޯނުތަކުގައި މީގެފަހުން ފޭސްބުކްގެ އެޕްތަކެއް ނުހުންނާނެ


ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން މަޝްހޫރު ފޭސްބުކް ކުންފުންޏާއި ޗައިނާގެ ވާވޭ ކުންފުންޏާ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ އަރައިފިއެވެ.

ފޭސްބުކްއާއި ވާވޭއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާފައިވަނީ، ވާވޭގެ ޚިދުމަތްތަކާއި އެކުންފުނީގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށާއި ވާވޭއަށް ޚިދުމަތް ދިނުން ހުއްޓާލުމަށް އެމެރިކާގެ ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެނެވެ.

އެމެރިކާ ސަރުކާރުގެ ނިންމުމުގެ ސަބަބުން ފޭސްބުކްއިން ވަނީ އެކުންފުނީގެ އެޕްލިކޭޝަން ވާވޭގެ ފޯނުތަކުގައި ޕްރީ އިންސްޓޯލްކުރުމަށް ވާވޭއަށް ދީފައިވާ ހުއްދަ އަތުލާފައެވެ. އެގޮތުން ވާވޭގެ ފޯނުތައް ގަންނައިރު މީގެ ފަހުން ފޭސްބުކްގެ އެޕްލިކޭޝަންތައްކަމަށްވާ، ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއަޕް އަދި ފޭސްބުކް މެސެންޖަރފަދަ އެޕްލިކޭޝަންތަކެއް ނުހުންނާނެއެވެ. ނަމަވެސް ވާވޭގެ ފޯނުތައް ގަންނަ ފަރާތްތަކަށް އެ އެޕްލިކޭޝަންތައް އަމިއްލައަށް އިންސްޓޯލްކޮށް، އަޕްޑޭޓް ކުރެވިދާނެކަމަށް ފޭސްބުކްއިން ބުނެއެވެ.

ފޭސްބުކްއިން އެޅި މި ފިޔަވަޅަކީ އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވަމުންދާ ވާވޭ ކުންފުންޏަށް ލިބުނު އިތުރު ނުތަނަވަސްކަމެކެވެ. ނަމަވެސް ފޭސްބުކް އިން އެޅި ފިޔަވަޅާމެދު ވާވޭއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވާވޭއަކީ ސެމްސަންގއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ސްމާޓްފޯނު އުފައްދާ ކުންފުންޏެވެ. ނަމަވެސް އެމެރިކާއިން ވާވޭގެ އުފެއްދުންތައް މަނާކުރުމުން، ބައެއް ކުންފުނިތަކުން ދަނީ ވާވޭ އުފެއްދުންތައް އެޤައުމުތަކުގައި ލޯންޗުކުރުމަށް ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަޕާން ހިމެނެއެވެ.

ފޭސްބުކްގެ އެޕްލިކޭޝަން ޕްރީ އިންސްޓޯލްކުރުމަށް ވާވޭއަށް ދީފައިވާ ހުއްދަ ސަސްޕެންޑްކޮށްފައިވާއިރު، ވާވޭއަށް ދެމުންދާ ސޮފްޓްވެއަރގެ ޚިދުމަތްތައް މަޝްހޫރު ގޫގުލްއިންވެސް ވަނީ ހުއްޓާލާފައެވެ. އޭގެ ސަބަބުން ވާވޭގެ ފޯނުތަކުގައި ބޭނުންކުރާ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ ބަދަލުގައި އާ އޮޕަރޭޓިންގ ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތް ވާވޭއިން ވަނީ ފަށާފައެވެ.