ސިޔާސީ

17 ކޮމިޓީގެ ކޮންޓްރޯލްވެސް އެމްޑީޕީއަށް


19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެކުލަވާލާ 17 ކޮމިޓީގެ ކޮންޓްރޯލްވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބޭކަން ކަށަވަރުވެއްޖެއެވެ.
މަޖިލީހުގެ ޤަވާއިދު އިސްލާޙުކުރުމަށް އެކުލަވާލި ކޮމިޓީން ވަނީ މަޖިލީހުގައި ހިމެނޭ ކޮމިޓީތަކުގެ އަދަދު 13 އިން 17 އަށް އިތުރު ކުރުމަށް ފާސްކޮށްފައެވެ.

މަޖިލީހުގައި ހިމެނޭ 17 ކޮމިޓީގެ ތެރެއިން ޤައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ "ޓޫފޯވަން" ކޮމިޓީ ފިޔަވާ ކޮންމެ ކޮމިޓީއަށް 11 މެންބަރުން ޢައްޔަންކުރަންޖެހޭކަމަށް މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް އުފެއްދި ވަގުތީ ކޮމިޓީއަށް މަޖިލީހުގެ އިދާރާއިން ހުށައެޅި ކަރުދާހެއްގައިވަނީ ބުނެފައެވެ. އަދި ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރުމަށް 176 ޖާގަ ލިބޭކަމަށްވެސް އެ ކަރުދާހުގައި ވެއެވެ.

އެ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅާނެ ގޮތަށް ބަލާއިރު، މަޖިލީހުގައި 65 މެންބަރުންނާއެކު ސުޕަަރ މެޖޯރިޓީއަކާއެކު އޮތް އެމްޑީޕީއަށް ކޮމިޓީތަކުން 132 ޖާގަ ލިބޭނެއެވެ. އެއީ 11 މެންބަރުން ހިމެނޭ ކޮންމެ ކޮމިޓީއަކުން އެމްޑީޕީއަށް 8 ނުވަތަ 9 ޖާގައެވެ.

މަޖިލީހުގައި ހިމެނޭ އެހެނިހެން ޕާޓީތަކުގެ ތެރެއިން ޕީޕީއެމްގެ ފަސް މެންބަރުންނަށާއި، ޖުމްހޫރީ ޕާޓިގެ ފަސް މެންބަރުންނަށް ޖާގަ ލިބެނީ ދިހަ ކޮމިޓީންނެވެ. އެ ދިހަ ކޮމިޓީގައި ހިމެނެނީ ކޮންމެ ޕާޓީއަކުން އެންމެ މެންބަރެކެވެ.

އިދިކޮޅު ޕީއެންސީގެ ތިން މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ޖާގަ ލިބެނީ 6 ކޮމިޓީއަކުންނެވެ. އެއީ ކޮންމެ ކޮމިޓީއަކުން އެއް ޖާގައެވެ. އެމްޑީއޭގެ 2 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު 4 ކޮމިޓީއަކުން ޖާގަ ލިބޭނެއެވެ. އަދި ކޮންމެ ކޮމިޓީއެއްގައި ތިއްބަވާނީ އެމްޑީއޭގެ މެމްބަރެކެވެ.

މިނިވަން މެންބަރުންގެ ގޮތުގައި މަޖިލީހުގައި 7 މެންބަރުން ތިއްބަވާއިރު 14 ކޮމިޓީއަކުން އެ މެންބަރުންނަށް ޖާގަ ލިބޭނެއެވެ. އަދި ކޮންމެ ކޮމިޓީއެއްގައި ހިމެނޭނީ މިނިވަން އެންމެ މެންބަރެކެވެ.

މީގެ އިތުރުން ޤާނޫނު އަސާސީގައި އެކުލަވާލަން ލާޒިމްކުރާ ކޮމިޓީއެއްކަމަށްވާ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އެކުލަވާލާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ "ޓޫފޯވަން" ކޮމިޓީގައި މަޖިިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ކޮމިޓީގެ ފުރިހަމަ އަޣްލަބިއްޔަތުވެސް ލިބެނީ އެމްޑީޕީއަށްކަމަށް މަޖީހުގެ އިދާރާއިން ވަގުތީ ކޮމިޓީއަށް ހުށައެޅި ކަރުދާހުގައިވެއެވެ.

މަޖިލީހުގައި ހިމެނޭ ކޮމިޓީތައް އެކުލަވާލުމަށް ނަގާފައިވާ ވަގުތީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ޢަދަދު 13 އަށް އިތުރުކުރުމަށްވެސް ހުށައަޅާފައެވެ. ނަމަވެސް އެ ނިންމުމަށް ކޮމިޓީން އަދި ވަކިގޮތެއް ކަނޑައަޅާފައެއްނުވެއެވެ.