ސިޔާސީ

ޕީޕީއެމްއަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ވާނީ ފޮނުވާފައި - ޝަރީފް


ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ބަޖެޓުން ލިބެންޖެހޭ ފައިސާ ދޫކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުނުއިރު ޕީޕީއެމްއަށް ލިބެންޖެހޭ ފައިސާވެސް ދިނުމަށް ފިނޭންސްގައި އެދިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ފިޔަވައި ދައުލަތުގެ ބަޖެޓުން ތިން ޕާޓީއަކަށް ފިނޭންސް މިނިސްޓްރީން ވަނީ ފައިސާ ދޫކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަންޖެހޭ ފައިސާގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރުމަށް އެދުނު ޕާޓީތަކަށް ރަސްމީ ހަތް ދުވަސްތެރޭ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެޕާޓީތަކުގެ ތެރޭގައި ޕީޕީއެމްއެއް ނުހިމެނެއެވެ.

އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސްގައި އެދުނުއިރު ޕީޕީއެމްއަށް ފައިސާ ދޫކުރުމަށްވެސް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ފައިސާ އެ ކޮމިޝަނުން ހިފަހައްޓާފައި ނުވާނޭކަމަށެވެެ.

މިހަރުގެ ބަޖެޓުން ފައިސާ ދޫކުރާ ހަތަރު ސިޔާސީ ޕާޓީގެ ތެރެއިން ޕީޕީއެމް ނޫން އެހެންޕާޓީތަކަށް ފައިސާ ދޫކުރުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވައި އެޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު، ޕީޕީއެމް އަށް ފައިސާދޫކުރުން ލަސްވި ސަބަބު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިނުވެއެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މިިދޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބި ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭއަށެވެ.

ޕާޓީތަކަށް ފައިސާ ދޫކުރި އަދަދު
އެމްޑީޕީ: 12،749،191.09ރ.
ޖުމްހޫރީ ޕާޓީ: 2،059،960.36ރ.
އެމްޑީއޭ: 2،031،754.50ރ.

ޕީޕީއެމަށް ދޭންޖެހޭ ފައިސާގެ އަދަދު
ޕީޕީއެމް: 9،377،167.06ރ.

ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް ފިނޭންސަށް ފޮނުވާފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުގައި ކަމަށް އިލެކްޝަނުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އިލެކްޝަނަސް ކޮމިޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 10000 މެމްބަރުން ހަމަވާނީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގައެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 54302 މެމްބަރުންނެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ. ތިންވަނައަށް މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދީ 9335އެވެ.