ސިޔާސީ

މެންބަރުކަމުގެ ހުވާ ރިޒާ ކުރައްވައިފި


ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރިޒާ ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާ ރިޒާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. އެމަނިކުފާނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑރ. އަޙްމަދު އަބްދުﷲ ދީދީއެވެ.

މިރަސްމިއްޔާތުގައި އިބްރާހީމް ރިޒާ ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސްގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ މިދިޔަ މެއި މަހުގެ 28 ވަނަދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މެންބަރުން ހުވާކުރެއްވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ރިޒާއަށް ބައިވެރިވެވަޑައިނުގެންނެވުނީ އޭރު އުމްރާގެ އަޅުކަން އަދާކުރެއްވުމުގައި އެމަނިކުފާނު ހުންނެވުމުނެވެ.