ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާ ކަމަށެވެ. ޤައުމީ އިނާމު މިއަހަރު ދެއްވާނީ މައިގަނޑު 33 ދާއިރާއަކުންނެވެ. ރައީސް އޮފީހުން ވިދާޅުވީ އެ ދާއިރާތަކުގެ ރޮނގުތަކާއި ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު ހޯއްދަވައި، ގެންނަވަންޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންނަވާފައިވާ ކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވެސް ހަމަޖައްސަވާފައިވާ ކަމަށެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނިތަކާއި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ މަހުގެ 31ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިއަހަރުން ފެށިގެން ޤައުމީ އިނާމު ދެއްވަމުން ގެންދަވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައިކަމަށް ރައީސުކްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.