ޚަބަރު

ކްލެމެންސީ ބޯޑަށް ޝިފާޢު، ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ބަލާ ކޮމިޓީއަށް ޖީހާން


ރައްޔިތުންގެ މަޖިލީހުން ކްލެމެންސީ ބޯޑަށް އައްޔަންކުރާ މެންބަރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަދި ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

މުޙައްމަދު ޝިފާޢު ކްލެމެންސީ ބޯޑަށް، އަދި ޖީހާން "ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ" އަށް އައްޔަން ކުރަން ފާސްވީ މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސްވަނަ ޖަލްސާގައި ވޯޓުދިން މެންބަރުންގެ އިއްތިފާގުންނެވެ.މި ދެމެންބަރުންގެ ނަން ހުށައެލުއްވީވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމެވެ.

މައާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ މެންބަރަކު އައްޔަންކުރައްވާފައިވާއިރު، 11 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ކްލެމެންސީ ބޯޑަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގައި، އެންމެ ފަހުން ހުންނެވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާޢޫދެވެ.

"ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ" އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ޖީހާން މަހުމޫދުގެ ނަން ހުށައެޅުމުން މަޖިލީހުގައި މިކަމާއި ގުޅިގެން ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ އެމަޤާމަށް ޖީހާން އައްޔަންކުރަން ތާއީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ޖީހާން މަޙްމޫދަކީ ހިއުމަން ރައިޓްސް ކޮމިޝަނުގައި 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ އެދާއިރާގައި މަސައްކަތްކުރައްވާފައިވާ ތަޖްތިބާކާރު ކަނބަލެކެވެ.

"ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ" އަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ60 ވަނަ މާއްދާގެ ދަށުން ސަރުކާރުން 2014 ވަނަ އަހަރު އެކުލަވާލެއްވި ކޮމެޓީއެކެވެ. ޓްރެފިކްކުރުމާއި ރާއްޖޭގައި މަސައްކަތް ކުރުވުމަށް ބިދޭސީން ގެނައުމުގެ ކަންކަމާ ގުޅޭގޮތުން ދައުލަތުގެ ކަންކަން ވިލަރެސްކުރުމަށް އެކުލަވާލާފައިވަނީ 14 މެންބަރުންގެ ކޮމިޓީއެކެވެ.

މިކޮމެޓީގައި މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔަރަކާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ އިތުރުން އެޓާނީ ޖެނަރަލް ކަނޑައަޅާ އެއޮފީހުގެ ވަކީލަކާއި، ޕީޖީ ކަނޑައަޅާ އެއޮފީހުގެ ވަކީލަކާއި، އިމިގްރޭޝަން ކޮންޓްރޯލާރ ކަނޑާއަޅާ އެއިދާރާގެ މުވައްޒަފެއްގެ އިތުރުން ފޮރިން މިނިސްޓްރީގެ މުވައްޒަފަކާއި، ފުލުހުންގެ އޮފިސަރަކާއި، ކަސްޓަމްސްގެ އޮފިސަރަކާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާ އެއޮތޯރިޓީގެ މުވައްޒަފެއްގެ އިތުރުން ހޯމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން މީހުން ޓްރިފިކްކުރުމުގެ ކަންކަން ހުއްތުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއަކުން ކަނޑައަޅާ މެންބަރެއްވެސް ހިމެނެއެވެ.