ޚަބަރު

ޤާނޫނީ ބާރު ލިބޭނެހެން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މުހިއްމު އިސްލާޙްތަކެއް ހުށަހަޅައިފި


ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުން ކަނޑައަޅާފައިވާ ބާރުތައް އެންމެ ފުރިހަމައަށް ލިބިދޭނެހެން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މުހިއްމު އިސްލާޙްތަކެއް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ، ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ވަނަ ޖަލްސާގައި ކުރިއަށްދިޔަ އިބްތިދާޢީ ބަހުސްގައި އެބިލަށް މުހިއްމު އިސްލާޙްތަކެއް ހުށައެޅުއްވީ ތުޅާދޫދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.

ޙިސާން ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާުނޫނު އަސާސީން ލިބިދޭ ބާރެއްގެ ދަށުން އުފައްދާ ކޮމިޝަންތަކެއްކަމަށާއި، އެފަދަ ކޮމިޝަންތަކަށް ޤާނޫނީ ބާރުދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ރައްޔިތުންގެ މަޖިލީހުން ދެވޭ އިތުރު ބާރެއްކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ދޭންވާނީ އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭގޮތަށް، އެ އިޚްތިޔާރުތަކާއެކު ކަމަށް ހިސާން ވިދާޅުވިއެވެ. އަދި މިފަދަ ކޮމިޝަނަކުން ތަހުޤީޤުކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަދަނީ ނުވަތަ ސިވިލް މައްސަލަތައް ތަޙްޤީޤު ކުރުމުގައި މިހާރުވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެތެރެއިން ތަބާވާންޖެހޭ މަދަނީ އިޖްރާޢަތުތަކަށް ކޮމިޝަންތަކުން ތަބާވާންޖެހޭގޮތަށް ބިލުގައި ބަޔާންކުރުންވެސް މުހިމުކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ ރިޔާސީ ކޮމިޝަންތައް ރައީސުލްޖުމްހޫރިއްޔާ އުވާލައްވާނަމަ، އުވާލާއިރު އެފަދަ ކޮމިޝަންތަކުން ހޯދާފައިވާ ތަޙްޤީޤީ މައުލޫމާތުތަކާއި، ހެއްކާއި، ނަގާފައިވާ ހެކިބަސް އެއީ ސައްޙަ ތަކެތީގެ ގޮތުގައި ކަމާއި ގުޅުންހުރި ތަޙްޤީޤީ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭގޮތަށްވެސް އިސްލާޙްހުށައަޅުއްވާފައެވެ.

މިބިލުގެ ބަހުސް ވަގުތުގައި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުންވަނީ ބިލަށް ތާޢީދުކުރައްވައި ވީއެންމެ އަވަހަށް ބިލްފާސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބިލަށް ބަހުސްކުރެއްވި ބައެއް މިނިވަން މެންބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވަނީ ޤާނޫނުން އުފައްދަވާފައިވާ ތަޙްޤީޤީ އިދާރާތައް ޒިންމާދާރުކޮށްގެން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ތާޢީދުކޮށް ވާހަކަފުޅުދައްކަވާފައެވެ.

މިޖަލްސާގައި ދެން އިބްތިދާޢީ ބަހުސް ކުރިއަށްގެންދިޔައީ ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލުގެ އިބްތިދާއީ ބަހުސެވެ. މިބިލަށް ތަޢީދުކުރައްވައި ގިނަ މެންބަރުން ވާހަކަފުޅުދެއްކެވިއިރު މަޖިލީހުގައި ހިމެނޭ ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވެފައިވާ ބައެއް މެންބަރުން ވަނީ ބިލަށް ގެންނަވަން ޖެހޭކަމަށް އެމެންބަރުންނަށް ފެނިވަޑައިގަންނަވާ އިސްލާޙްތައް ހާމަކުރައްވާފައެވެ. އެގޮތުން އެ ބިލުގައި ބުނާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބާ ކައުންސިލުގެ ހިންގާ ކޮމިޓީގައި ބަންޑާރަނައިބު ހިމެނުމުން އެކޮމިޓީ މިނިވަން ނުވާނެކަމަށް މެންބަރަކު ވިދާޅުވިއެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މިނިވަން މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަޙްމަދު އުޝާމް ވިދާޅުވީ ބަންޑާރަނާއިބު ހިމެނޭ ގޮތަށް ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވާލައިގެން އެ ކައުންސިލު މިނިވަން ނުވާނެކަމަށެވެ.

މި ބިލުން ބާ ކައުންސިލަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލުކަރަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ބާތިލުކުރުމާއި ޤާނޫނުތަކާއި ޚިލާފުވާ ވަކީލުންނަށް ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިނާޔަތާއި ރައްކާތެރިކަމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގެ ބަހުސްވެސް ކުރިއަށްގެންގޮސްފައެވެ.