ޚަބަރު

މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނަށް އަދީބު ހާޒިރުކޮށް ސުވާލުކޮށްފި


ރިލްވާން ގެއްލުނު މައްސަލައާ، އަފްރާޝީމްގެ މަރާގުޅިގެން ކުރީގެ ނާއިބުރައީސް އަޙްމަދު އާދީބަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަދީބާ ސުވާލުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ހާޒިރުކޮށް އޭނާއާ މެދު ކުރެވޭ ތުހުމަތުތަކާ ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މިރޭކުރި ޓުވީޓް

މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން މިކަން ހާމަކުރައްވާފައިވައިރު، ހިިޔާނާތާއި ޓެރަރިޒަމްގެ ކުށްތަކުގެ މައްސަލާގައަ އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ޙުކުމްތައް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި މެޑިކަލްބޯޑްގެ ލަފާގެ މަތިން ބޭސްފަރުވާ އަށް އަދީބު ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދިވަނީ ދެއްވާފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.