ޚަބަރު

ސަރުކާރުން ހާމަކުރި ތަރީޚުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ވާނީ ފަށާފައި - ތަރުޖަމާނު


ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ސަތޭކަ ސަތާރަ ރަށެއްގެ މަޝްރޫޢުތައް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށާއި، ސާޅީސް އެއް ރަށެއްގައި ހިންގާ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކުރާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ވިދާޅު ވަނީ ސަރުކާރުގެ ސްޕީޑް ލަސްކަމަށްބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާފައެވެ. ހޫދު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރުކާރަކަށް އެސަރުކާރެއްގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފެށިފައިނުވާކަމަށެވެ.

މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނީ ޖޫންމަހުކަން ހާމަކުރައްވައި، ހޫދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރާށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްކުރެވިފައިވާއިރު އެމަޝްރޫޢުތައްވަނީ ފެށުމުގެ އެކި މަރުހަލާތަކުގައިކަމަށެވެ. އެގޮތުން 117 ރަށެއްގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ޓެންޑަރ ކުރުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ޑިޒައިން ފޭސްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި އިތުރު 41 ރަށެއގައި ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށް ހޫދު ވިދާޅުވިއެވެ.

"41 ރަށެއްގައި އަމަލީ މަސައްކަތް ފެށިގެން މިދަނީ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި މަސައްކަތް ކުރެވުނު މިންވަރަށްވުރެ ފާސްޓް އަދަދެއް" ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެކުރިން ނޫސްތަކުން ފެންނަނީ ރާއްޖޭގައި އަނިޔާއާއި، ވައްކަމާއި ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަންކަމަށާ، ރައްޔިތުންނާ ގުޅުންހުންނަ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ނޯންނަކަމަށެވެ. ނަމަވެސް ދާދިފަހުން ސްޓޫޑަންޓް ލޯން ސްކީމާ ގުޅިގެންނާއި ކަރަންޓުގެ މައްސަލާގައި ދިމާވި ކަންކަމަށް ރައްޔިތުން ފުރިހަމަ ބަސް ބުންމުންދާކަމަށާ އެއީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށްވެސް ހޫދު ވިދާޅުވިއެވެ. އަދިރައްޔިތުންގެ ޝަކުވާތަކާއެކު އެކަންކަން ވީހާވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށްވެސް ހޫދު ވިދާޅުވިއެވެ. އަދި މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ޤައުމަށް ބޮޑެތި ބަދަލުތަކެއް އައިކަން ފާހަގަކުރައްވަމުން ހޫދު ވިދާޅުވީ ސަރުކާރުގެ ސްޕީޑް މިންކުރާނީ ރައްޔިތުންކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ސްޕީޑް ދަންނަވާކަށް. ފާސްތްތޯ ސްލޯތޯ، އިންޓަމީޑިއެޓްތޯ ނުވަތަ ގޫގުލް ސްޕީޑްތޯ. އެނިންމަވާނީ ރައްޔިތުން. އަޅުގަނޑަށް އެނގޭކަމަކީ ބަދަލުތަކެއް އައިސްފިކަން. މިދިޔަ ހަމަސްދުވަސްތެރެގައި ޤައުމުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފި" ހޫދު ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުންވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްއޮތް ދެތިން މަސްތެރޭގައި އިޢުލާންކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ސަރުކާރުން ހިންގި ފެލެޓް މަޝްރޫޢުތަކުގެ ތެރެއިން ފްލެޓް ލިބުނީ އެންމެ ހައްޤުފަރާތްތަކަށްތޯ ބެލުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގައި ޢާންމުންގެ ޝަކުވާތައް ބަލައި އެޝަކުވާތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.