ސިއްހަތު

ތެލެސީމިއާއަށް ޓެސްޓުކުރުން އަދިވެސް އިތުރުކުރަން ޖެހޭ - ޝީ


މިއަދު ފާހަގަކުރެވެމުންދާ ތެލަސީމިޔާ ދުވަސް ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތައް ރާވާފައިވާއިރު، ތެލަސީމިއްޔާއަށް ޓެސްޓު ކުރުމުގެ މުހިއްމުކަން ބޮޑުކަމަށް ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން، ޝީ އިން ބުނެފިއެވެ.ބައިނަލްއަޤުވާމީ ތެލަސީމިޔާ ދުވަހުގެ މިއަހަރުގެ ޝިޢާރު ބިނާކޮށްފައިވަނީ ތަލެސީމިޔާއަށް ފަރުވާހޯދާ ފަރާތަކަށް ބިނާކޮށް ސިއްޚީ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށެވެ. ތެލަސީމިޔާ ކޮންޓްރޯލް ކުރުމާއި ރާއްޖޭގައި ތެލަސީމިޔާއަށް ދެވޭ ފަރުވާ ފާއިތުވި އަހަރުތަކުގެ ތެރޭގައި ހަރުދަނާކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ފާހަގަކުރައްވައެވެ. އެގޮތުން ތެލަސީމިޔާ ދުވަހުގެ ޝިއާރާއި ގުޅޭގޮތުން ފަރުވާ އިތުރަށް ފުރިހަމަ ކުރަންޖެހޭކަން ތެލަސީމިއްޔާ ސޮސައިޓީން ފާހަގަ ކުރެއެވެ. ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ފުޅުދައްކަވަމުން މޯލްޑިވިއަން ތެލަސީމިޔާ ސޮސައިޓީގެ ޗެއަރޕާސަން ފާތިމަތު ޖީހާން ސަލީމް ވިދާޅުވީ ރާއްޖޭގައި ދެވޭ ފަރުވާވެސް ތާފާތު ކުރުމެއްނެތި ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭކަމަށެވެ. އަދި ތެލަސީމިޔާއަށް ދެވޭ ފަރުވާ އަކީ ސިއްހީ އެހެން ކަންކަމާއި ގުޅުންހުރި ކަންކަން ކަމަށް ޖީހާން ފާހަގަކުރެއްވިއެވެ.ފަރުވާގެ އިތުރުން، ކުރިއާލާ ތެލަސީމިޔާއަށް ޓެސްޓުކުރުމާއި، އެކަމަށް މީހުން ހޭލުންތެރި ވުމަކީ މުހިއްމު ކަމެއްކަން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން، ޝީ އިން ފާހަގަކުރެއެވެ. އަދި އަށާރަ އަހަރު ފުރުމުގެ ކުރިން ތެލަސީމިޔާއަށް ޓެސްޓުކުރުމުގައި މައިންބަފައިންގެ ދައުރު ފާހަގަކުރައްވާ އެކަމަށް ބެލެނިވެރިން ސަމާލުކަންދޭން ޖެހޭކަމަށް ޝީ އިން ބުނެއެވެ. ތެލަސީމިޔާއަށް ޓެސްޓު ކުރުމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ޝީއިން ފަށާފައިވާއިރު، މިކެމްޕޭނުގެ ދަށުން މީޑިޔާ މެދުވެރިކޮށް ތަފާތު މެސެޖުތައް ފޯރުކޮށް ދިނުމަށްވަނީ ނިންމާފައެވެ. ތެލަސީމިޔާ ދުވަސް ފާހަގަކުމަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ބައިނަލްއަޤުވާމީ ތެލަސީމިޔާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ  8 ވަނަ ދުވަހެވެ.