ވިޔަފާރި

އައްޑޫ ސިޓީގައި އުމްރާނީ ތަރައްޤީއަށް 6.3 ބިލިއަން ރުފިޔާގެ މަޝްރޫޢު


އައްޑޫ ސިޓީގައި އުމްރާނީ ތަރައްޤީގެ ގާތްގަނޑަކަށް 6.3 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގުމަށް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕާޓްނަރޝިފް ފޯރަމްގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކަކަށް އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށްވަނީ ރާވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް މަޝްރޫއުއަކީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެވެ.

އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

  • ޓޫރިޒަމް ފުޅާކުރުމަށް 4 ފަޅެއް (ގާތްގަނޑަތަކަށް 25 ހެކްޓަރުގެ ބިން) ހިއްކުން
  • މަގު ހެދުމާއި މިހާރު ހަދާފައި ހުރި މަގުތައް މަރާމާތުކޮށް ފެން ހިންދާ ނިޒާމް ޤާއިމްކުރުން
  • ހިތަދޫ ރީޖަނަލް ޕޯޓް އިތުރަށް ތަަރައްޤީކޮށް ޤާބިލްކަން އިތުރުކުރުން
  • މަރަދޫފޭދުއާއި ހުޅުމީދޫ ހާބަރު މަރާމާތުުކުރުން
  • ބޯހިޔާވަހިކަމުގެ މަޝްރޫއެއް
  • ހުޅުމީދޫގައި މިހާރު ތަރައްޤީކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ޖާގަ ބޮޑުކުރުމާއި ހިތަދޫގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓްގެ ޚިދުމަތް ފުޅާކޮށް މަސް ބަންދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ޔޫތު ސެންޓަރުތަކާއި، ސްޓޭޑިއަމްތަކާއި، ރިހެބިލިޓޭޝަން ސެންޓަރުތަކުގެ އިތުރުން އިސްލާމިކް ސެންޓަރއެއް ތަރައްޤީކުރުން
  • އިންޖީނުގެތަކާއި، ކަރަންޓު ވިއުގަ އިތުރަށް ތަރައްޤީކޮށް، އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ފުޅާކުރުން
  • ގަމުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކުރުން
  • ސަރުކާރު އޮފީސްތައް ހިމެނޭ އިމާރާތެއް ތަރައްޤީކުރުން
  • މޫސުމަށް އަންނަ ބަދަލުތައް ދިރާސާކުރާ ސެންޓަރެއް ޤާއިމްކުރުން
  • ދާރުލް އާސާރަކާއި، ކަލްޗުރަލް ވިލެޖެއް ތަރައްޤީކުރުން

މިމަޝްރޫއުތަކާއި އެކު އައްޑޫ ސިޓީއަށް ޢުމްރާނީގޮތުން ގިނަ ކުރިއެރުންތަކެއް ލިބި، ވިޔަފާރީގެ ދާއިރާ ފުޅާވެ، އަތޮޅުގެ ރައްޔިތުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އަދި ސަރުކާރުގެ އަމާޒަކީ އިޖްތިމާއީ އަދި އިޤްތިސާދީގޮތުން އައްޑޫ ސިޓީއަށް ގިނަ ކުރިއެރުންތަކެއް ގެނެސް، ރާއްޖޭގެ ދެކުނުގެ ޤާއިމްވެގެންދާ ވިޔަފާރީގެ މައި ހަބަކަށް އައްޑޫ ސިޓީ ހެދުން ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މީހުން ދިރިއުޅޭ ހަ ރަށް ހިމެނޭ އައްޑޫ ސިޓީއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ގައި ދުނިޔޭގެ 35 ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. މި ފޯރަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.