ޚަބަރު

ހުރިހާ ސަރަހައްދަކަށް ހަމަހަމަ ތަރައްޤީ ގެނައުމަށް މިދަނީ މަސައްކަތްކުރަމުން- ރައީސް


ވޭތުވެދިޔަ ތަނުގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީގެ ފޮނި މީރުކަން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވިފައި ނުވާކަމަށާއި ސަރުކާރުން މަސައްކަތްކުރަމުން މިދަނީ އެކަން ނިމުމަކަށް ގެންނައުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019" ހުޅުއްވައިދެއްވްމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ، ދިވެހި ރައްޔިތުން އެމަނިކުފާނަށް އިތުބާރުކުރައްވާ ވެރިކަމަށް ގެންނެވި މަޤުޞަދު ހަނދުމަފުޅުނުނެތޭކަމަށެވެ.

ދިވެހި ރައްޔިތުން ބޭނުންވަނީ ޒަމާނުއްސުރެ ރާއްޖޭގެ އެއްސަރަހައްދަކަށް ދަތުރުކޮށް އެރައްޔިތުންނަަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ފުރިހަމަކުރަމުން އައި ގޮތް ބަދަލުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރުން ދެމެހެއްޓެވި ތަރައްޤީއަށް މަސައްކަތްކުރައްވަނީ ޒަމާނުއްސުރެ ތަޢުލީމާއި ސިއްޙީ ޚިދުމަތް ލިބިގަންނަން ވެރިރަށް މާލެއަށް ރައްޔިތުން ޖަމާވާން ނުޖެހޭގޮތަށް ކަންކަން ރާވައިގެންކަމަށް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރަށްރަށުގެ ކުރިއެރުމާއި ތަރައްޤީ ގެންނާނެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި، ލޯކަލް ކައުންސިލްތަކަށް ބާރުދީގެން ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ފައްޓަވާފައިވާކަމަށެވެ.

ރައީސް ޞާލިޙްވަނީ ބައިނަލްއަޤްވާމީ ޤައުމުތަކާއި އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއެކު ޖަޒީރާ ރާއްޖެއެއް ގެނައުމަށް ސަރުކާރުންވީ ވައުދުތައް ފުއްދުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރާއްޔިތުންނަށް ވައުދުވީ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، މިފަދަ ފޯރަމްތަކަކީ ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.

ދިވެހި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެންދާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މައިގަނޑު ޝިޢާރަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއެއް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްސާކުރާނެއެވެ. މީގެ ތެރޭގައި 'ނޫ އިޤްތިޞާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތ ހިމެނެއެވެ.