ވިޔަފާރި

ތަރައްޤީއަށް ވާޞިލުވުމަށް 24.6 ބިލިއަން ރުފިޔާގެ މަޝްރޫޢު


24.6 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކާއެކު މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް ފަށައިފިއެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ފޯރަމްގައި ދުނިޔޭގެ 35 ޤައުމަކުންނާއި ބޭރުގެ 27 ޖަމުޢިއްޔާއަކުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ ޙާއްސަ މުޝީރާއި، އދ. އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލާއި، ސާރބިއާގެ މިނިސްޓަރ އޮފް ލޭބަރ އަދި ޔޫ.އޭ.އީގެ އެސިސްޓެންޓް މިނިސްޓަރ ހިމެނެއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެންމެ މަސައްކަތެކެވެ. އެއީ ކުރިއަށް އޮތް 5 އަހަރަށް ސަރުކާރުން އެކުލަވާލާ ތަރައްޤީގެ ޕްލޭން ދުނިޔެއަށް ދައްކާލާ، އޭގެ ތެރޭގައި ހިމެނޭ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޕާޓްނަރުން ހޯދުމެވެ. އަދި ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ޤައުމެއްކަން ބޭރު ދުނިޔެއަށް އަންގައިދީ، އިންވެސްޓަރުންނަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތުވެސް މި ފޯރަމްގެ ތެރެއިން ޚިއްސާކުރެވިގެންދާނެއެވެ. މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއެއް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރެވެ.

މިފޯރަމްގައި ސަރުކާރުން ހުށަހަޅާ މަޝްރޫޢުތައް ބެހިގެންދަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ ނޫ އިޤްތިޞާދުގެ ތަޞައްވުރަށް ވާސިލުވުމަށް ހުށަހަޅާ މަޝްރޫޢުތަކާއި އިޖްތިމާޢީ ދާއިރާއަށް ތަރައްޤީ ގެނައުމަށް ހުށަހަޅާ މަޝްރޫޢުތަކުގެ އިތުރުން ހިންގުމުގެ ދާއިރާއާއި އަދުލް އިންސާފުގެ ދާއިރާ ތަރައްޤީކުރުމަށް ހުށަހަޅާ މަޝްރޫޢުތަކެވެ.

ނޫ އިޤްތިޞާދު

ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިޤްތިޞާދީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ނުވަތަ ނޫ އިޤްތިޞާދުގެ ތަޞައްވުރަށް ވާޞިލުވުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ރާވާފައެވެ. އޭގެ ތެރެއިން ޕާޓްނަރޝިޕް ފޯރަމަށް ހުށަހަޅާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ ސިޓީ ތަރައްޤީކުރުމަށް ހުށަހަޅާ 414 މިލިއަން ޑޮލަރު ނުވަތަ 6.3 ބިލިއަން ރުފިޔާގެ މަޝްރޫޢަކީ ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫއަށް އިންޤީލާބީ ތަރައްޤީއަށް އަންނާނެކަމަށް ސަރުކާރުން ދެކެވެ.

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

- ޓޫރިޒަމް ފުޅާކުރުމަށް 4 ފަޅެއް (ގާތްގަނޑަތަކަށް 25 ހެކްޓަރުގެ ބިން) ހިއްކުން
- މަގު ހެދުމާއި މިހާރު ހަދާފައި ހުރި މަގުތައް މަރާމާތުކޮށް ފެން ހިންދާ ނިޒާމް ޤާއިމްކުރުން
- ހިތަދޫ ރީޖަނަލް ޕޯޓް އިތުރަށް ތަަރައްޤީކޮށް ޤާބިލްކަން އިތުރުކުރުން
- މަރަދޫފޭދުއާއި ހުޅުމީދޫ ހާބަރު މަރާމާތުުކުރުން
- ބޯހިޔާވަހިކަމުގެ މަޝްރޫއެއް
- ހުޅުމީދޫގައި މިހާރު ތަރައްޤީކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ޖާގަ ބޮޑުކުރުމާއި ހިތަދޫގައި ތަރައްޤީކޮށްފައިވާ އައިސް - ޕްލާންޓްގެ ޚިދުމަތް ފުޅާކޮށް މަސް ބަންދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
- ޔޫތު ސެންޓަރުތަކާއި، ސްޓޭޑިއަމްތަކާއި، ރިހެބިލިޓޭޝަން ސެންޓަރުތަކުގެ އިތުރުން އިސްލާމިކް ސެންޓަރއެއް ތަރައްޤީކުރުން
- އިންޖީނުގެތަކާއި، ކަރަންޓު ވިއުގަ އިތުރަށް ތަރައްޤީކޮށް، އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ފުޅާކުރުން
- ގަމުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކުރުން
- ސަރުކާރު އޮފީސްތައް ހިމެނޭ އިމާރާތެއް ތަރައްޤީކުރުން
- މޫސުމަށް އަންނަ ބަދަލުތައް ދިރާސާކުރާ ސެންޓަރެއް ޤާއިމްކުރުން
- ދާރުލް އާސާރަކާއި، ކަލްޗުރަލް ވިލެޖެއް ތަރައްޤީކުރުން

މި މަޝްރޫއުތަކާއި އެކު އައްޑޫ ސިޓީއަށް ޢުމްރާނީގޮތުން ގިނަ ކުރިއެރުންތަކެއް ލިބި، ވިޔަފާރީގެ ދާއިރާ ފުޅާވެ، އަތޮޅުގެ ރައްޔިތުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އަދި ސަރުކާރުގެ އަމާޒަކީ އިޖްތިމާއީ އަދި އިޤްތިސާދީގޮތުން އައްޑޫ ސިޓީއަށް ގިނަ ކުރިއެރުންތަކެއް ގެނެސް، ރާއްޖޭގެ ދެކުނުގެ ޤާއިމްވެގެންދާ ވިޔަފާރީގެ މައި ހަބަކަށް އައްޑޫ ސިޓީ ހެދުން ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މާލެ، ވިލިމާލެ، ތިލަފުށީ، ގުޅިފަޅު ގުޅުވާލުމުގެ ބިޔަ މަޝްރޫޢު

ޕާޓްނަރޝިޕް ފޯރަމަށް ހުށަހަޅާ އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުތަކަކުން ގުޅާލުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ތިލަފުށްޓަށް އެމްޕީއެލް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްއޮތްއިރު، މި މަޝްރޫޢުގެ ސަބަބުން ގްރޭޓަރ މާލެ ސަރަޙައްދު އެއްގަމުން ގުޅި، ދަތުރުފަތުރު ފަސޭހަވެ، އިގްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ.

ނޫ އިޤްތިޞާދުގެ ދާއިރާއިން ހުށަހަޅާފައިވާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި 12 އަތޮޅެއްގެ 100 ރަށެއްގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް 100 މިލިއަން ޑޮލަރުގެ މަޝްރޫޢަކާއި، 28 ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 56 މިލިއަން ޑޮލަރުގެ މަޝްރޫޢަކާއި ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ހުށަހަޅާ 79.5 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިމެނެއެވެ. މީގެ އިތުރުން ކުނި ނައްތާލާ ސެންޓަރެއް ހުވަދު އަތޮޅުގައި ޤާއިމްކުރުމަށް 24 މިލިއަން ޑޮލަރުގެ މަޝްރޫޢަކާއި، ތިމާވެއްޓާއި ރަށްޓެހި ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކުރުމަށް 10 މިލިއަން ޑޮލަރުގެ މަޝްރޫޢެއްވެސް ހިމެނެއެވެ. މިމަޝްރޫޢުތަކުގެ އިތުރުންވެސް ސަރުކާރުގެ ނޫ އިޤްތިޞާދުގެ ތަޞައްވުރަށް ވާޞިލުވުމަށް ގިނަ މަޝްރޫޢުތަކެއް ޕާޓްނަރޝިޕް ފޯރަމަށް ވަނީ ހުށަހަޅާފައެވެ.

އިޖްތިމާޢީ ދާއިރާ

ޢިޖްތިމާޢީ ދާއިރާއިން ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްޤީކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ މަޝްރޫޢުތަކުގެ އިތުރުން ޒުވާނުންނާ ސަޤާފަތާ ގުޅުންހުރި މަޝްރޫޢުތަކެއް ވަނީ ޕާޓްނަރޝިޕް ފޯރަމަށް ހުށަހަޅާފައެވެ.
މިދާއިރާއިން ހުށަހަޅާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި،

•16 އަތޮޅެއްގެ ޞިއްޚީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުން – 136 މިލިއަން ޑޮލަރު
•ގްރީން ކްލައިމެޓް ސްމާޓް ހެލްތު ކެއަރ ޕްރޮޖެކްޓް – 80 މިލިއަން ޑޮލަރު
•ނެޝަނަލް ހެލްތު ލެބޯރެޓަރީ ޤާއިމްކުރުން – 9.35 މިލިއަން ޑޮލަރު
•ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންނަށް ރިހެބިލެޓޭޝަން ސެންޓަރެއް – 6.78 މިލިއަން ޑޮލަރު
•އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަޝްރޫޢު – 488 މިލިއަން ޑޮލަރު
•20 ރަށެއްގައި އިންޓަނޭޝަނަލް ސްޓޭޑިއަމް ތަރައްޤީކުރުން – 9.6 މިލިއަން ޑޮލަރު
•5 ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުން – 5 މިލިއަން ޑޮލަރު
•އެކި ސަބަބުތަކާހުރެ ތަޢުލީމް ހާޞިލްނުކުރެވިވާ ފަރާތްތަކަށް ތައުލީމާ ތަމްރީން ދިނުން – 1 މިލިއަން ޑޮލަރު
•އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ޤާއިމްކުރުން – 223288 ޑޮލަރު
•ކުޑަކުދިން ބަލަހައްޓައިދޭ ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރުން – 95000 ޑޮލަރު

ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުން

ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުމަށްވެސް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ މަސައްކަތްތައް ތަރައްޤީކުރުމާއި، ޝަރުޢީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތަކާއި މިނިވަން މުޢައްސަސާތައް ތަރައްޤީކުރުމަށް ބޭނުންވާ މަޝްރޫޢުތައް ހިމެނެއެވެ.

- ފުލުހުންގެ ޚިދުމަތް ޑިޖިޓަލައިޒްކުރުން – 2.1 މިލިއަން ޑޮލަރު
- ފުލުހުންނަށް އީ-ލާނިންގ ޕްލެޓްފޯމެއް ތަރައްޤީކުރުން – 150000 ޑޮލަރު
- 4 ރަށެއްގައި އެންމެ ޒަމާނީ ޕޮލިސް ސްޓޭޝަން ޤާއިމްކުރުން – 12.2 މިލިއަން ޑޮލަރު
- މާލޭގައި ދެވޭ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުޅާކުރުން – 10.1 މިލިއަން ޑޮލަރު
- އަންހެން ފުލުހުން ބާރުވެރިކުރުވުން – 195000 ޑޮލަރު
- ރާއްޖޭގެ އުތުރުގައި ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމްކުރުން – 5 މިލިއަން ޑޮލަރު
- ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީންކުރުން – 5 މިލިއަން ޑޮލަރު

މިމަޝްރޫޢުތަކުގެ އިތުރުން، ޖާގަ ބޮޑުތައް ޝަރުޢީ ކޯޓުތައް ޤާއިމްކުރުމާއި، ޖުޑީޝަލް ނޮލެޖް ހަބެއް ޤާއިމްކުރުމާއި، ޝަރުޢީ ދާއިރާއިން މީހުން ބިނާކޮށް ތަމްރީންކުރުމާއި ޝަރުޢީ ދާއިރާއިން ތަޢުލީމް ފޯރުކޮށްދޭ ފެކަލްޓީތައް ހަރުދަނާކުރުމާއި، އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުން ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުމުގެ ދާއިރާއިން ޕާޓްނަރޝިޕް ފޯރަމަށް ހުށަހަޅާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަށް 1.6 ބިލިއަން ޑޮލަރު ނުވަތަ 24.6 ބިލިއަން ރުފިޔާގެ މަޝްރޫޢު ހުށަހަޅާފައިވާއިރު، މި ފޯރަމްގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ހިންގާނެ ފަރާތްތައް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. އަދި މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީއާ ގުޅުންހުރި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ދެކެނީ މިއީ ވަރަށްވެސް އުއްމީދީ ފޯރަމެއްގެ ގޮތުގައެވެ.