ޚަބަރު

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞްތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިނުވޭ - ޑީޖޭއޭ


ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞްގެތެރެއަށް ސުޕްރީމްކޯޓުން ވަދެފައިނުވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާކަމުގައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކާގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދިޔަ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ޖޭއެސްސީއަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނުބެލޭނެކަމަށް ކަނޑައަޅާފައި ނުވާކަމަށެވެ.

ނަމަވެސް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ވަކިކަމެއް ނުކުރުމަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން އެންގުމުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އެނިންމުމަށް ބޯލަނބަންޖެހޭކަމަށް މާޖިދު ވިދާޅުވިެވެ.

"ސުޕްރީމް ކޯޓަކުން ނޫން ޤާނޫނުގެ ޙުކުމާ ޚިލާފުވެގެން މިއުޅެނީ. ސުޕްރީމް ކޯޓަކުން ނޫން ނެޗަރަލް ޖަސްޓިސްއާ ޑިއުޕްރޮސެސް ރޫލްއާ ޚިލާފުވެގެން މިއުޅެނީ. ސުޕްރީމް ކޯޓަކުން ނޫން ޢިޖްރާޢަތުތަކާއި ޚިލާފުވެ ޤާނޫނު އަސާސީއަށް ގޮންޖަހާ، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާ، ޤާނޫނުގެ ޙުކުމް ނަފީކޮށް، ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، ދުސްތޫރުން ލިބިފައި ނެތް ބާރުތަކެއް އަތްމައްޗަށް ގެނެސްގެން މަސައްކަތކުރަމުން މިދަނީ ސްޕްރީމް ކޯޓަކުން ނޫން. އެޙަޤީޤަތް ވަރަށް ސާފު" މާޖިދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބުނާގޮތުން ޖޭއެސްސީގެ އިޚްތިސާގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމާއި، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އަޔަންކުރުމާ ބެހޭގޮތުން ލަފާދެއްވަންންޖެހޭ ފަރާތްތަކަށް ލަފާދެއްވައި، ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުންކަން ފާހަގަކުރައްވައި މާޖިދު ވިދާޅުވީ، މީގެތެރެއިން އެއްވެސްކަމެއް ސުޕްރީމް ކޯޓުން ކުރައްވާފައި ނުވާކަމަށެވެ.

ނަމަވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ޤާނޫނު އަސާސީއާ ޤާނޫނުތަކުން ކަނޑައަޅާފައިވާ ޑިއުޕްރޮސެސްއާ ޚިލާފުވެގެން އެއްވެސް މީހެއްގެ ޙައްޤެއް ގެއްލޭގޮތަށް އަމަލުކޮށްފިނަމަ އަދި އެކަން ކޯޓާއި ހަމައަށް އައިސްފިނަމަ އެކަން ބަލައި ގޮތް ނިންމުމަކީ ސުޕްރީމް ކޯޓަށް އޮންނާނެ އިޚްތިސާސެއްކަމަށާ، މިނިވަން ޖުޑިޝަރީއެއް އުފައްދާފައި އޮތުމުގެ ބޭނުމަކީވެސް އެއީކަމަށް މާޖިދު ވިދާޅުވިއެވެ.

"ފަނޑިޔާރު ޑީޑީ ވިއަސް އަދި އެހެން ފަނޑިޔާރަކަށްވިއަސް، އާންމި މީހަކަށްވިއަސް، ކޮންމެ މީހަކަށްވިއަސް، ޤާނޫނު އަސާސީއާ ޤާނޫނުތަކުން، އިސްލާމީ ޝަރީޢަތުގެ ތެރެއިން ކަށަވަރުކޮށްދީފަ ހުރި ޙައްޤުތަކުގެ ތެރެއިން ހައްޤެއް ގެއްލިއްޖެކަމަށް ނުވަތަ އެމީހަކާމެދު ނެޗްރަލް ޖަސްޓިސް ޤާއިމް ނުކުރެވޭކަމަށް ޑިއުޕްރޮސެސް އޮފް ލޯގެ ދަށުން އެމީހަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި، ޤާނޫނީ ހިމާޔަތް ނުލިބޭކަމަށްބުނެ، ޝަކުވާއެއް ހުށައަޅާއިފިނަމަ ކޯޓުތަކަށް އެކަން ބެލޭނެ. އެކަން ބެލޭނެ އެހެން ތަނެއް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޯޓުތައް ފިޔަވާ އުފައްދާފައިވެސް ނުހުންނާނެ" ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މާޖިދު ވިދާޅުވިއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި ކުރުމާގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، ޤާނޫނު އަސާސީގައި ބުނާ ބުނުމަކާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ، ދައުލަތުގެ ކޮންމެ ބާރަކުން ނަމަވެސް އަދި މުއައްސަސާއަކުން ކުރި ނަމަވެސް އެކަން ބާޠިލުވާނެކަމަށެވެ.