ވިޔަފާރި

ތައިލެންޑުގެ ވިޔަފާރިވެރިންނާއެކު ބާއްވާ 4 ވަނަ ބިޒްނަސް މެޗިން ފޯރަމް މިމަހު އޮންނާނެ


މޯލްޑިވްސް - ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމްގެ 4 ވަނަ ބައްދަލުވުން މިމަހު 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް - ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމްއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ކޮމާސް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. މިފޯރަމް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު، ދަރުބާރުގޭގެ ފާށަނާ މާލަމުގައެވެ.

މިފޯރަމްގެ ތެރެއިން ރާއްޖެއާއި ތައިލެންޑުގެ ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދޭނެއެވެ. މިބައްދަލުވުމުގައި ތައިލެންޑުގެ މޭވާއާއި ތަރުކާރީގެ ވިޔަފާރީކުރާ ފަރާތްތަކާއި، ތެލާއި ހަނޑުލުގެ އިތުރުން، ގޭގައި ގެންގުޅޭ ސާމާނާއި ފަރުނީޗަރުގެ ވިޔަފާރިކުރާ ފަރާތްތަކުން ބައިވެރިވާނެއެވެ.

މިފޯރަމްގައި ބައިވެރިވާން ބޭނުންވާ ދިވެހި ވިޔަފާރީވެރިންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެކަމަށްޓަކައި ރަޖިސްްޓްރީވާން ޖެހޭކަމަށް ފޯރަމް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވިޔަފާރިތަކަކީ ތައިލެންޑްގެ ވިޔަފާރިތަކަށް ފަރިތަ ބަޔަކަށް ހެދުމެވެ. ތަފާތުއެކި ބާވަތްތަކުގެ މުދާ ތައިލެންޑުން ރާއްޖެއަށް އެތެރެކުރަމުންދާއިރު، މިފަދަ ފޯރަމެއްގައި މުދާ އެތެރެކުރާ ފަރާތްތަކުން ބައިވެރިވުމުގެ މުހިއްމުކަން ބޮޑުކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން 3 ފަހަރެއްގެ މަތިން މިފޯރަމް ބާއްވާފައިވާއިރު، އެފޯރަމްތައް ވަރަށް ކާމިޔާބުކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.