ދިރާގު ދިވެހި ޕްރެމިއާ ލީގުގައި މިދިޔަ ހަފްތާފަގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިވި މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗް ޢަލީ ސުޒޭން، މުބާރާތުގެ ތައްޔާރީތަކަށް ފާޑުކިޔައި ދެއްކި ވާހަކަ ތަކަށް ރައްދުދެމުން އެފްއޭއެމްގެ ރަޢީސް ބައްސާމް އަދީލް ޖަލީލް، ސުޒޭނާއިމެދު ޒާތީ ވާފަދަ މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.
މާޒިޔާ އަތުން 3-1ގެ ނަތީޖާއަކުން ގްރީން ބަލިވި މެޗައްފަހު ކޯޗް ސުޒޭން ވަނީ މުބާރާތަށް އެފްއޭއެމުން ތައްޔާރުވުމުގައި އިހުމާލު ވެފައިހުރި ބައެއް ކަންތައްތައް ފާހަގަކޮށް އެފްއޭއެމްއަށް ފާޑުކިޔާފައެވެ.
ސުޒޭން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މުބާރާތުގެ މެޗު ކުޅުމަށް ބައު ބޯޅަ ބޭނުން ކުރުމާއި، މެޗައްފަހު ނޫސްވެރިންނާ ވާހަކަދެއްކުމަށް ބޭނުންކުރާ ބެކްޑްރޮޕް އައު ނުކޮށް، މިދިޔަ އަހަރުގެ ބޯޑްގައި ސްޓިކާ ތަތްކޮށްގެން ބޭނުން ކުރުމާއި، ލީގުގެ ޓައިޓަލް ބެނާ އާދައިގެ ގޮތަކަށް ހުރުން ހިމެނެއެވެ.
އަދި މީގެ އިތުރުން ފޯކައިދޫގެ ކުޅުންތެރިއެއް ފާސް ނެތި ބެންޗުގައި އިނުމަށްފަހު، މެޗުގެ ތެރެއިން ކުޅުންތެރިޔާ ބަދަލުކުރަން އެދުމުން، ކުޅުންތެރިޔާގެ ފާސް ނެތްކަމަށްބުނެ މެޗުގެ ފޯތު އޮފިޝަލް އެކަމަށް ހުރަސް އެޅިކަމަށް ބުނާ މައްސަލައެއްވެސް ވަނީ ފާހަގަ ކޮށްފައެވެ.
ސުޒޭން ބުނެފައިވަނީ މިފަދަ ކަންތައްތަށް ހައްލު ނުކުރާނަމަ ކްލަބުތަށް ކިތަންމެ ހަރުދަނާވިކަމުގައި ވިޔަސް ދިވެހި ފުޓުބޯޅަ ކުރިއަރައިގެން ނުދާނެ ކަމަށެވެ.
ސުޒޭންގެ މި ބިނާކުރުވަނިވި ފާޑުކިއުންތަކަށް ގިނަ ކޯޗުންތަކެއް ތާޢީދު ކުރި ނަމަވެސް ބައެއް ފަރާތްތަކުން ވަނީއެއީ މެޗުން ގްރީން ސްޓްރީޓްސް ބަލިވުމުން ސުޒޭން ދެއްކި ބަހަނާތަކެއް ކަމަށްވެސް ބުނެފައެވެ. ނަމަވެސް ސުޒޭން ވަނީ މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ސުޒޭން ފާހަގަކުރި ބައެއް ކަންތައްތައް އެފްއޭއެމުން މިހާރު ހައްލު ކޮށްފައި ވާއިރު، މެޗައްފަހު ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ބޭނުންކުރާ ބެކްޑްރޮޕް އައު ކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް، އެ ބެކްޑްރޮޕްގެ ފޮޓޯއަކާއިއެކު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވަނީ ސުޒޭނާއި މެދު ޒާތީ ވާކަން ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.
ބައްސާމް ކުރެއްވި ޓްވީޓުގައި ވަނީ، އެއާއިމެދު ގިނަ ވާހަކަ ތަކެއް ދެކެވުނު ބެކްޑްރޮޕްގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށާއި، އެމައްސަލަ އެފްއޭއެމްގެ ސަމާލުކަމަށް ގެނައި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެއިތުރުން ސުޒޭންއަށް ރައްދުދެމުން ބާއްސާމް ވިދާޅުވީ މީގެ ފަހުން މެޗުގެ ނަތީޖާއާއި މެދު ފޯކަސް ބަހައްޓާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ބާއްސާމްގެ މި އިބާރާތުން، ގްރީން ސްޓްރީޓް އެދުވަހުގެ މެޗުން ބަލިވީ ސުޒޭން މެޗުގެ ނަތީޖާއާއި މެޗަށް ފަރުވާ ނުބެހެއްޓޭތީ ކަމަށްވެސް ދޭހަވެއެވެ. ނުވަތަ ސުޒޭނަށް ރަނގަޅު ނަތީޖާތަކެއް ނެރުމަށް ބައްސާމް ގޮވާލާ ކަމަށްވެސް ދޭހަވެއެވެ.
ސުޒޭންގެ ބިނާކުރުވަނިވި ފާޑުކިއުންތަކަށް ތާޢީދުކޮށް ކޯޗް ސޮބާހް މުޙައްމަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެފްއޭއެމްއަށް ފާޑުކިޔައި ވާހަކަ ދައްކާ ކޮންމެ މީހަކު ބްލެކްލިސްޓް ވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ބައްސާމްވަނީ ވަރަށް ބޮޑަށް ޒާތީވެ ބައެއް ކޯޗުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ އަދި އެފްއޭއެމްގެ މަސައްކަތަށް ފާޑު ކިޔާ ނޫސްވެރިންނަށް މަސައްކަތުގެ މަސްޢޫލިއްޔަތު އަދާކުރުމަށްވެސް ހުރަސްއަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.