ކުޅިވަރު

ރާއްޖޭގެ ޓީމެއް ފުރަތަމަ ފަހަރަށް ޔޫރަޕްގައި ކޭމްޕްކުރަނީ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ތައްޔާރުވުމަށް ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމް ސާބިއާގގައި ކޭމްޕްކުރުމަށް ހަމަޖެހިއްޖެއެވެ.

ސްޕޯޓްސް މިނިސްޓަރ އަޙުމަދު މަޚުލޫފް ސަބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ސްޕޯޓްސް މިނިސްޓަރ ވަންޖަ އުޑޮވިޗިޗް އާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ
އެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ. އަދި ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމް އައިއޯއައިޖީ އަށް ފުރުމުގެ ކުރިން ސާބިއާގައި ޚާއްސަ ޓްރެއިނިންގެ ކޭމްޕެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މި ކޭމްޕް އޮންނާނީ އަންނަ މަހުގެ 3 ކުން 14 އަށެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ މިކޭމްޕްގައި ހިންގާ ހުރިހާ ހަރަދެއް ހަމަޖައްސާދޭނީ ސާބިޔާގެ ސަރުކާރުންކަމަށާއި މިކޭމްޕުގައި ދިވެހި ގައުމީ ފިރިހެން ވޮލީ ޓީމަށް ރަގަޅު މެޗްތަކެއް ކުޅުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ.

ސާބިޔާއަކީ ދުނިޔޭގެ ވޮލީގައި ވަރުގަދަ ބާރެކެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕްގައި ކޭމްޕް ކުރާ ފުރަތަމަ ފަހަރުއެވެ.

މިނިސްޓަރ މަޚްލޫފް ވަނީ ދާދި ފަހުން، އައިއޯއައިޖީއަށް ތައްޔާރުވަމުން އަންނަ ޤައުމީ ފިރިހެން އަދި އަންހެން ވޮލީ ޓީމާއި ބައްދަލުކުރައްވައި ޓީމުގެ ފަރިތަކުރުމުގައި ބައިވެރިވެލައްވާފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ އަންނަ މަހު މޮރީޝަސްގައެވެ. މި މުބާރާތުގައި 10 ކުޅިވަރެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.