ކުޅިވަރު

މާޒިޔާ އަކީ މި ސަރަހައްދުގައިވެސް ވާދަކޮށްލެވޭ ވަރުގެ ޓީމެއް - ފެސްކޯ


މާޒިޔާ އަކީ މި ސަރަހައްދުގައިވެސް ވާދަކޮށްލެވޭ ވަރުގެ ޓީމެއް ކަމަށާއި އެޓީމަށް ދެކޮޅަށް ނިކުންނާނީ އެކަން ދަނެގެންކަމަށް ނިލަންދޫ އެފްސީގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ފެސްކޯ ބުނީ މާޒިޔާ އަކީ މިފަހަރުގެ ލީގަށް އެންމެ ފުރިހަމައަށް ތައްޔާރުވީ ޓީމު ކަމަށާއި ނަމަވެސް ނިލަންދޫއަށް ބަލައިފިނަމަ އެއާއި ހާސްބައި ތަފާތު ކަމަށެވެ.

ފެސްކޯ ބުނީ ނިލަނދޫގެ ތައްޔާރީތައް ލަސްވުމުން އެންމެ ބޭނުންވާ ގޮތަށް ޓީމް ތައްޔާރި ނުކުރެވުނު ކަމަށާއި، ނަމަވެސް ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންގެ ފަރާތުން މެޗުގައި ފެންނަ ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

ފެސްކޯ ބުނީ ނިލަންދޫގެ ތައްޔާރީ ތަކާއި ސްކޮޑް ކިތަންމެ ދެރަކޮށް ފެންނަން އޮތަސް، ނިލަންދޫއަށް ވާދަނުކުރެވޭ ވަރުގެ ޓީމެއް ލީގުގައި ނެތް ކަމަށެވެ.

ފެސްކޯ ބުނީ ޓީމް އަންނަނީ ފަރިތަކުރުންތަކުގައިވެސް ކުރިއަރަމުން ކަމަށާއި ބިދޭސީ ކުޅުންތެރިން ޓީމާއި ގުޅުމުން މިހާރަށް ވުރެވެސް ޓީމް ވަރުގަދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ މި ސަރަހައްދުގަވެސް މިހާރު ނަން ހިނގާ ފެންވަރުގެ ޓީމަކާ ދެކޮޅަށް، ޕްރިޕެރޭޝަންއަށް ބެލި ކަމުގަ ވިޔަސް މިފަހަރު ލީގަށް އެންމެ ބޮޑަށް ތައްޔާރުވީ މާޒިޔާއިން، ތައްޔާރީއަށް ބަލާއިރު އަޅުގަނޑުމެން ޓީމާއި ހާސްބައި ތަފާތު މާޒިޔާ، ދެން ކުރިއަށްއޮތް ތާނގައި އަޅުގަނޑުމެންގެ ބިދޭސީ ކުޅުންތެރިންވެސް ޓީމާއި ގުޅޭނެ." ފެސްކޯ ބުންޏެވެ.

ލީގުގައި މާޒިޔާ އާއި ނިލަންދޫ ވާދަކުރާ މެޗު ކުޅޭނީ މިރޭއެވެ.

މާޒިޔާއިން ލީގުގައި ފުރަތަމަ ކުޅުނު މެޗު ގްރީން ސްޓްރީޓްސް އާއި ވާދަކޮށް 3-1އިން ކާމިޔާބު ކުރިއިރު، ނިލަންދޫ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުން ބަލިވީ 2-0އިންނެވެ.