ވިޔަފާރި

މޭމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77.6 މިލިއަން ރުފިޔާ


މޭމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޭމަހުވެސް އެންމެ ގިނަ އަދަދަށް ގްރީން ޓެކްސް ލިބިފައިވަނީ ކ.އަތޮޅުގައި ހިންގާ ހޮޓާ، ގެސްޓްހައުސް އަދި ރިސޯޓްތަކުންނެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މޭމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 77،664،065 މިލިއަން ރުފިޔާ (ހަތްދިހަ ހަތް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްދޮޅަސް ފަސް ރުފިޔާ) ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 83،605،456 މިލިއަން ރުފިޔާ (އަށްޑިހަ ތިން މިލިއަން ހަ ލައްކަ ފަސްހާސް ހަތަރު ސަތޭކަ ފަންސާސް ހަ ރުފިޔާ) އެވެ. މިއީ ހަތެއް އިންސައްތަދަށް އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރީން ޓެކުހުގެ ގޮތުގައި އެއް އަތޮޅަކުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 28.8 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ ލިބިފައިވަނީ، އދ. އަތޮޅުންނެވެ. އެއީ 10 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ އެއީ 5.8 މިލިއަން ރުފިޔާއެވެ.

ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ ތެރެއިން ރިސޯޓްތަކުން މޭމަހު ގްރީން ޓެކްސްގެ ގޮތުގައި 70.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހޮޓާތަކުން 1.6 މިލިއަން ރުފިޔާ އަދި ގެސްޓް ހައުސްތަކުން 3.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި މުއްދަތުގެ ތެރޭގައި ސަފާރީ އުޅަނދުތަކުން ގްރީން ޓެކްސްގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.