ވިޔަފާރި

އިންޑިއާގެ މަރުކަޒީ ބެންކުގެ ޑެޕިއުޓީ ގަވަރުނަރު އިސްތިއުފާދެއްވައިފި


އިންޑިއާގެ މަރުކަޒީ ބެންކު، ރިޒާވް ބެންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވިރާލް އަޗަރްޔާ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

އަމިއްލަ ސަބަބުތަކަކާހުރެ ކަމަށްބުނެ އިންޑިއާގެ މަރުކަޒީ ބެންކުގެ ޑެޕިއުޓީ ގަވަރުނަރު އިސްތިއުފާދެއްވާފައި މިވަނީ އޭނާގެ މަޤާމުގެ ދައުރު ހަމަވާން ހަ މަސްދުވަސް ބާކީ އޮތްވައެވެ. އަނެއްކޮޅުން މަރުކަޒީ ބެންކުގެ މިނިވަންކަމާމެދު އޭނާއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން ވިރާލް އިސްތިއުފާދެއްވިއިރު އޭނާއަކީ އިންޓްރެސްޓް ރޭޓް ކުޑަކުރުމާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ. ނަމަވެސް އިންޑިއާގެ އިޤްތިޞާދު މަޑުޖެހިފައި އޮތުމުން އެޤައުމުގެ ސަރުކާރުން ބޭނުންވަނީ އިންޓްރެސްޓް ރޭޓްތައް ކުޑަކޮށްގެން ނަމަވެސް އިޤްތިޞާދީ ދުވެލި ހަލުވިކުރާށެވެ. އެހެންކަމުން މިއަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން އިންޑިއާގެ މަރުކަޒީ ބެންކުން ވަނީ އިންޓްރެސްޓް ރޭޓް ކުޑަކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުން އިންޑިއާގެ މަރުކަޒީ ބެންކުން އިސްތިއުފާދެއްވުމަށްފަހު ވިރާލް ދާނީ ނިއުޔޯކް ޔުނިވަރސިޓީ ސްޓެމް ސްކޫލް އޮފް ބިޒްނަސްގެ ވަޒީފާއަކަށެވެ.

ވިރާލްއަކީ މޯދީގެ ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން އިންޑިއާގެ މަރުކަޒީ ބެންކުން އިސްތިއުފާދެއްވި 3 ވަނަ އިސް އޮފިޝަލްއެވެ. މީގެ ކުރިން އެބެންކުގެ ދެ ގަވަރުނަރެއް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.