ވިޔަފާރި

ދުބާއީގެ ވަލީއަޙްދުގެ އިންސްޓަގްރާމުން އެތައް މިލިއަން ބަޔަކަށް ރާއްޖެ އިޝްތިޙާރުކޮށްލައިފި


ދުބާއީގެ ވަލީއަހުދު ދާދިފަހުން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ވާހަކަ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ. މީޑިއާކަށް ނޭނގި، ނުރަސްމީކޮށް ކުރެއްވި ދަތުރުފުޅުގެ ޚަބަރުތައް ދުނިޔެއަށް އެނގިގެންދިޔައީ އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުންނެވެ. އެތައް މިލިއަން ބައެއް އެމަނިކުފާނުގެ އިންސްޓަގްރާމް އެކައުންޓް ފްލޯކުރާއިރު، އެމަނިކުފާން އިންސްޓަގްރާމް ކުރެއްވި ރާއްޖޭގެ ރީތި މަންޒަރުތަކާއެކު، މުޅި ދުނިޔެއަށް ދިވެހިރާއްޖެ ވަނީ އިޝްތިޚާރުކޮށްލާފައެވެ.

ދުބާއީގެ ޕްރިންސް، ޝައިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދް އަލް މަޚްތޫމްއަކީ ދުބާއީގެ އިތުރުން، ދުނިޔޭގެ ގިނަ ޤައުމުތަކާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބޭފުޅެކެވެ. އެމަނިކުފާނަކީ ދުބާއީގެ ވެރިޔާ މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއަށް ލިބިފައިވާ 23 ދަރިންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ދޮށީ ދަރިކަލެވެ. އަދި ރާޝިދް އަލް މަޚްތޫމަށް ފަހު ދުބާއީގެ ވެރިކަން ކުރައްވަން ހުންނެވި، ދުބާއީގެ ވަލީ އަހުދެވެ. އުމުރުން 36 އަހަރުގެ ޝައިޚް ހަމްދާންއަކީ ދަތުރުފަތުރުކުރުމާއި ފޮޓޯގްރަފީއަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެގޮތުން ދޭތެރެދޭތެރެއިން އިންސްޓަގްރާމުގައި އެކި ޤައުމުތަކަށް ކުރާ ދަތުރުތަކުގެ ފޮޓޯތައް ޕޯސްޓުކުރައްވާ ހައްދަވައެވެ.

އިންސްޓަގްރާމުގައި "ފަޒާ"ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ހަމްދާން ދާދިފަހުން ރާއްޖެ ކުރެއްވި ދަތުރުފުޅު ވެގެންދިޔައީ ސޯޝަލް މީޑިއާގައި އެމަނިކުފާން ފޮލޯކުރައްވާ 8.2 މިލިއަން ފޮލޯވާރސްއަށް ރާއްޖޭގެ ރީތިކަން ދައްކުވައިދިން ދަތުރަކަށެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި ހަނީމޫން ފާހަގަކުރުމަށް ވަޑައިގެން އެމަނިކުފާނު ވަނީ އިންސްޓަގްރާމަށް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ 3 މިނެޓުގެ ވީޑިއޯއެއް ދޫކޮށްލާފައެވެ. މި ވީޑިއޯ ގާތްގަނޑަކަށް އެއްމިލިއަން ތިން ލައްކައެއްހާ މީހުން ބަލާފައިވާއިރު މިވީޑިއޯއިން ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ގޮނޑުދޮށްތަކުގެ ރީތިކަން ދައްކުވައިދެއެވެ.

ވީޑިއޯ ފަށާފައިވަނީ ފަނުން ފަރުމާކޮށްފައިވާ "ވެލްކަމް ޓު ވެލާ ޕްރައިވެޓް އައިލެންޑް" ނަންކޮޅަކުންނެވެ. އެއަށްފަހު ރަށުގެ މަލަމައްޗާއި ގޮނޑުދޮށާއި ކަނޑުތަކުގެ ރީތި މަންޒަރުތައް ދައްކާލާފައިވާއިރު މޫދު ކުޅިވަރު އަދި އެހެނިހެން ކުޅިވަރުކުޅުމުގައި ޝެއިޚް ހަމްދާން އުޅުއްވާތަން ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން އެންމެ އަޅައިގަންނަނީ ރާއްޖޭގެ ހިތްގައިމުކަމާއި ރީތިކަމެވެ. އިންސްޓަގްރާމަށް އެމަނިކުފާނު ދޫކޮށްލި މި ވިޑިއޯއާއިއެކު ރާއްޖެއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެގޮތުން ރާއްޖޭގެ ރީތިކަން ފާހަގަކޮށް ވީޑިއޯއަށް ގިނަ ބަޔަކު ކޮމެންޓްވެސް ކޮށްފައިވެއެވެ.

މީގެ އަނެއް ޚާއްސަ އެއްކަމަކީ އެމަނިކުފާނު ވެލާ ޕްރައިވެޓް ރިސޯޓުގައި އުޅުއްވާ ޚަބަރު ލިބުމާއެކު، ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ކޮންތަނެއްތޯ ބެލުމަށް އިންޓަނެޓުގައި މީހުން ހޯދި ހޯދުންވެސް ވަނީ ވަރަށް ބޮޑަށް އެދުވަސްވަރު އިތުރުވެފައެވެ.

ކޮންމެއަކަސް ދުބާއީގެ ވަލީއަހުދު އެ ކުރެއްވި މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ޕީއާރު ފާމަކުންވެސް ނުކުރެވޭނެވަރުގެ މަސައްކަތެކޭ ބުނުމަކުން ދޮގަކަށް ނުވާނޭކަން ޔަޤީނެވެ. އެއީ އެމަނިކުފާނަށް ދިވެހިންގެ ޝުކުރު ހައްޤު މަސައްކަތެކެވެ.

ބައިނަލްއަޤްވާމީ ލޯތައް އަމާޒުވެފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް މިއަދު ރާއްޖެވެފައިވާއިރު ހަމްދާން މަޝްހޫރު ބޭފުޅުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު ދަތުރުފުޅުތަކެވެ. ވަކިން ޚާއްސަކޮށް މިއީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔޭގައި އިޝްތިހާރުކޮށް ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް މަގުފަހިވެގެންދާކަމެކެވެ.

އެގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ބޭފުޅުންގެ މެދުގައި ރާއްޖޭއަކީ މަޤްބޫލު މަންޒިލެކެވެ. އޭގެ ތެރޭގައި ސައުދީގެ ޝާހީ އަޢިލާއާއި ދުބާޢީގެ ޝާހީ އާއިލާ އަދި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިންނާއި މަޝްހޫރު ފިލްމީ ތަރިން ހިމެނެއެވެ.