ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ ވެރިންގެ ބައްދަލުވުން ފަށައިފި


ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިޤްތިޞާދުތަކުގެ ވެރިންގެ ބައްދަލުވުން، ގްރޫޕް އޮފް ޓުވެންޓީ ނުވަތަ ޖީ-ޓުވެންޓީ ސަމިޓް ޖަޕާނުގެ އޮސާކާގައި ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މިބައްދަލުވުމުގައި އިޤްތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ 19 ޤައުމުގެ އެންމެ އިސް ވެރިންނާއި ޔޫރަޕިއަން ޔޫނިއަނުން، ދުނިޔޭގެ އިޤްތިޞާދާބެހޭ ގޮތުން މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ނިންމާނެއެވެ.

ޖީ-ޓުވެންޓީގައި ހިމެނޭ 19 ޤައުމަކީ އާޖެންޓީ، އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޗައިނާ، ފްރާންސް، ޖަރމަނީ، އިންޑިއާ، އިންޑޮނޭޝިޔާ، އިޓަލީ، ޖަޕާން، މެކްސިކޯ، ދެކުނު ކޮރެޔާ، ސައުތު އެފްރިކާ، ރަޝިޔާ، ސަޢުދީ އަރަބިއްޔާ، ތުރުކީ، އިނގިރޭސިވިލާތް، އެމެރިކާއެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންވެސް ޖީ-ޓުވެންޓީގައި ހިމެނެއެވެ.

ޖީ-ޓުވެންޓީގައި ހިމެނޭ 19 ޤައުމަކީ ދުނިޔޭގެ އިޤްތިޞާދުގެ 80 އިންސައްތަ ޚިއްސާކުރާ 19 ޤައުމެވެ. މީގެ އިތުރުން މި 19 ޤައުމަކީ ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ 2 ބައި ޚިއްސާކުރާ 19 ޤައުމުވެސްމެއެވެ.

ޖީ-ޓުވެންޓީ ސަމިޓުގައި، ޖީ-ޓުވެންޓީގައި ނުހިމެނޭ ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުންވެސް ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އދ، ވޯލްޑް ބެންކު، އައި.އެމް.އެފް، އޭޑީބީ، ޑަބްލިޔު.ޓީ.އޯ. ޑަބްލިޔު.އެޗް.އޯ، އާސިއާން އަދި އެފްރިކަން ޔޫނިއަން ހިމެނެއެވެ.

1999 ވަނަ އަހަރު އުފެދިގެން އައި ޖީ-ޓުވެންޓީގެ ފުރަތަމަ ސަމިޓު 2008 ވަނަ އަހަރު ބާއްވާފައިވާއިރު، މިއީ ދުނިޔެއަށް އެވަގުތަކު ދިމާވެފައިވާ އެންމެ ބޮޑެތި ސިޔާސީ، އިޤްތިޞާދީ އަދި މާލީ މައްސަލަތަކާމެދު ގޮތްތަކެއް ނިންމުމަށް މަޝްވަރާކުރާ ސަމިޓެކެވެ. މިއަހަރުގެ ސަމިޓުގައިވެސް މުހިއްމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރާއިރު އޭގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ މައްސަލަތަކުގެ އިތުރުން، ޖިއޯޕޮލިޓިކްސް އަދި ކްލައިމެޓް ޗޭންޖް ހިމެނޭނެއެވެ.

މީގެ ތެރެއިންވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުކަމުގައިވާ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމައަށެވެ.

މިސަމިޓުގެ ތެރެއިން ޗައިނާއާއި އެމެރިކާގެ ރައީސުން ބައްދަލުކުރައްވާ، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތަކަށް ކޮންމެސް ވަރެއްގެ ޙައްލެއް ލިބޭނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިގެ އިތުރުން ގަލްފް ސަރަޙައްދުގައި އުފެދިގެން އުޅޭ ނުތަނަވަސްކަމާމެދުވެސް ޖީޓުވެންޓީ ސަމިޓުގެ ތެރެއިން މަޝްވަރާކުރާނެއެވެ. މީގެ އިތުރުން ވިޔަފާރީއާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ޑަބްލިޔު.ޓީ.އޯގެ އޮނިގަނޑު ބަދަލުކުރުމާމެދުވެސް މަޝްވަރާކުރާނެއެވެ.

މިމައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޤައުމުތަކުގެ ވެރިން ވަކިވަކިން ބައްދަލުކުރައްވާ މަޝްވަރާތަކެއްވެސް ކުރިއަށްދާނެއެވެ. ނަމަވެސް ޖީޓުވެންޓީ ސަމިޓުގެ ތެރެއިން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުން، ނުވަތަ އެއްވެސް ކަމަކާ ގުޅޭގޮތުން ކަމެއް ނިންމުމަށް ވޯޓެއް ނެގުމެއްވެސް ނޯންނާނެއެވެ.

ޖީޓުވެންޓީ ސަމިޓަކީ ކުރިއެރުންތަކެއް ގެނެސްދޭ ސަމިޓެއްކަމަށް ބައެއް މީހުން ބުނާއިރު، ބައެއް މީހުން ބުނާގޮތުން މިއީ އެއްވެސް ކުރިއެރުމެއް ނުލިބި، ހަމައެކަނި ދުނިޔެއަށް ދައްކާލުމަށް ބާއްވާ ސަމިޓެކެވެ. ނަމަވެސް މިއަހަރުގެ ސަމިޓުގައި މުހިއްމު ނިންމުންތަކެއް ނުނިންމައިފިނަމަ ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއްކޮށް، 2009 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވިފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ ގާތްކަމެއްކަމަށް އިޤްތިޞާދީ އަދި މާލީ އިދާރާތަކުން ވަނީ ބުނެފައެވެ.