ކުޅިވަރު

ބީޗް ވޮލީބޯލް ވޯރލްޑް ޗެންޕިއަންޝިޕްގައި ބްރޯއުވަރ އާއި ރޮބަރޓް މެޗް ކާމިޔާބުކޮށްފި


އެފް.އައި.ވީ.ބީ ބީޗް ވޮލީބޯލް ވަރލްޑް ޗެންޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗް، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޕެއަރ ކަމަށްވާ، ނެދަލޭންޑްސްގެ އެލެގްޒެންޑްރާ ބްރޯއުވަރ އާއި ރޮބަރޓް މީއުވްސެން ކާމިޔާބުކޮށްފިއެވެ.

ޖަރމަނީގެ ހެމްބަރގްގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗް، 2013 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ނެދަލޭންސްގެ ޕެއާއިން ކާމިޔާބުކުރީ، ޕޫލް އެފްގެ ފުރަތަމަ މެޗުގައި ކެނެޑާގެ ގްރާންޓް އޮގޯމަން އާއި ބެން ސެކްޓަންގެ ޕެއަރ އާ ވާދަކޮށް 2-1 ސެޓުންނެވެ. މެޗުގެ ސެޓުތަށް ނެދަލޭންޑުން ގެންދިޔައީ 23-21، 19-21، 15-9އިންނެވެ.
މުބާރާތުގައި އެންމެ ވާދަވެރިކޮށް ފެންނަ ޕޫލް އެފްއިން ކުޅުނު ދެވަނަ މެޗް، 2007 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ އެމެރިކާގެ ޕިލިޕް ޕީޓަރ ދަލައުސާ އާއި ނިކް ލުސޭނާގެ ޕެއަރއިން ވަނީ، އާޖެންޓީނާގެ ހޫލިއަން އަޒާދް އާއި ނިކޮލެސް ކެޕޮގްރޯއްސޯގެ ޕެއަރ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ.
މެޗުގެ ސެޓުތަށް އެމެރިކާގެ ޕެއާއިން ގެންދިޔައީ 21-14، 21-13އިންނެވެ.

ޖުމަލް 6 ޕޫލް އަކަށް ބަހާލައިގެން މުބަރާތުގެ ފިރިހެން ބައިގެ ކުޅުން ކުރިއަށްގެންދާއިރު، އިއްޔެ ވަނީ ކޮންމެ ޕޫލަކުން ދެމެޗު ކުޅެފައެވެ.