ވިޔަފާރި

ސަޢުދީއާއި އެމެރިކާއިން އެތެރެކުރާ ތެލުގެ މިންވަރު އިންޑިއާއިން އިތުރުކޮށްފި


ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއިން ތެޔޮ އެތެރެކުރާ މިންވަރު އިތުރުކުރަން އިންޑިއާއަށް މަޖުބޫރުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއިން ތެޔޮ އެތެރެކުރާ މިންވަރު އިންޑިއާއިން އިތުރުކުރަން މަޖުބޫރުވީ، އެޤައުމަށް ތެޔޮ އިތުރުކުރަމުންދިޔަ ޢީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެނެވެ. އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން މޭމަހުން ފެށިގެން އިންޑިއާއިން ވަނީ އީރާނުން ތެޔޮ ގަތުން ހުއްޓާލާފައެވެ. އެހާ ހިސާބަށް އީރާނަކީ އިންޑިއާއަށް 3 ވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމެވެ.

އިންޑިއާގެ އޮފިޝަލުން ފުރަތަމަ ބުނެފައިވަނީ އދ.އިން ޢީރާނާ ދެކޮޅަށް ފިޔަވަޅު ނާޅަނީސް އީރާނުން ތެޔޮ ގަތުން ހުއްޓާނުލާނެކަމަށެވެ. ނަމަވެސް ޢީރާނުން ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލީ، އިންޑިއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ގޯސްކުރަން ބޭނުންނުވާތީކަމަށް ޚަބަރުތައް ބުނެވެ. އެއީ މިހާރުވެސް ވިޔަފާރީގެ ބައެއް މައްސަލަތަކުގައި ދެ ޤައުމުގެ ދެމުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް އުޅޭތީއެވެ.

އިންޑިއާއިން އީރާނުން ތެޔޮ ގަތުން ހުއްޓާލުމާއެކު، އިންޑިއާއިން ވަނީ އެމެރިކާ، ސައުދީ ޢަރަބިއްޔާ، ޢިރާޤް އަދި ނައިޖީރިޔާއިން އެތެރެކުރާ ތެލުމުގެ މިންވަރު އިތުރުކޮށްފައެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާއިން އިންޑިއާއަށް އެތެރެކުރާ ތެލުގެ މިންވަރު ވަނީ 32 އިންސައްތަ އިތުރުވެފައެވެ.

ޢިރާނާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާގެ އިތުރުން ތުރުކީންވެސް ވަނީ ޢީރާނުން ތެޔޮ ގަތުން ހުއްޓާލާފައެވެ.

ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދުކަމަށްވާ ޗައިނާއިން އެމެރިކާގެ ފިޔަވަޅުތައް ބަލައެއްނުގަނެއެވެ. އެޤައުމުން ދަނީ ޢީރާނުން ތެޔޮ ގަތުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިދިޔަ މޭމަހުވެސް ޗައިނާއިން ވަނީ 585 މިލިއަން ޑޮލަރުގެ ތެޔޮ ޢީރާނުން ގަނެފައެވެ. އަދި ޖޫންމަހު މިއަދަދު އިތުރުވާނޭކަމަށްވެސް ޢީރާނުން ބުނެއެވެ.