ޚަބަރު

ބިދޭސީން ގެންނަން ޤައުމުތަކަށް ކޯޓާއެއް ކަނޑައަޅަނީ


ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލެވެންދެން ބޭތިއްބުމަށް 1000 މީހުން ޑިޓެންޝަން ސެންޓަރެއް ގުޅިފަޅުގައި އެޅުމަށް އަންނަ މަހު ހުޅުވާލާނެކަމަށް އިކިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ޤަވައިދާ ހިލާފަށް އުޅޭ ބުިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މި ގޮތުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި މެދު ގޮތެއް ނިންމުމުގެ ކުރިން އެމީހުން ބަހައްޓާނެ އެކަށީގެންވާ ތަނެއް ނެތުންކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގުޅިފަޅުގައި 1000 މީހުން ޑިޓެންޝަން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފއިވާކަމަށާއި އެކަމަށް ޓެންޑަރ އަށް އަންނަ މަހު ހުޅުވާލައްވާނެކަމަށެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ވަކި ޤައުމުތަކުން ގިނަ އަދަދެއްގެ ބިދޭސީން ގެންނަ މައްސަލައަށް ހައްލެއް ގެނައުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މި ގޮތުން ޤައުމުތަކުން ގެންނަ ބިދޭސީންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް ކޯޓާއެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރެގިއުލައިޒޭޝަން ޕްރޮގްރާމެއް އަންނަ މަހުގެ ތެރޭގައި ފައްޓަވާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް އެފަދަ މީހުން ޤަވައިދުގެ ތެރެއަށް ފައްތާ ކުންފުނިތަކަށް ހަވާލުކުރުންކަމަށެވެ. އަދި މިކަމަށް މިހާރު ނަގަމުން އައި 650 ރުފިޔާގެ ފީ ދެން ނުނަގާނެކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލެވެންދެން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް އޭޕްރިލްމަހު ވަނީ ހުޅުމާލޭގައި ހުޅުވާފައެވެ. މި ސެންޓަރުގައި އެއް ފަހަރާ 40 މީހުން ބޭތިއްބޭނެއެވެ. ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލަންދެން ބައިތިއްބަނީ 15 ދުވަހާއި 1 މަސްދުވަހުގެ މުއްދަތަކަށެވެ.