ޚަބަރު

އެމް ސެވަންއިން ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން މަދުކުރުމުގެ މަސައްކަތް އެމް ސެވެން ކުންފުނިން ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުންގެ ހޯރަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރު އަޙްމަދު ސަލީމްއެވެ. މިގޮތުން މި ހަރަކާތް ފެށުމުގެ ގޮތުން އެމް ސެވަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ޕްލާސްޓިކް ފެންފުޅީގެ ބަދަލުގައި ބޭނުން ކުރާނެ ބިއްލޫރި ފެން ފުޅިތަކެއް ހަވާލުކުރައްވާފައެވެ.

އެމް ސެވްން އިން ފެށި މި ހަރަކާތަކީ ސަރުކާރުން ފަށާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ފެށި ހަރަކާތެކެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އަޙްމަދު ސަލީމް ވަނީ ޕްލާސްޓިކަ ދުރައްދިޔުމަށް ގޮވާލައްވާފައެވެ. ތިމާވެއްޓަށް ގެއްލުންވާ ފަދަ ޕްލާސްޓިކް ސާމާނު ބޭނުންކުރުމުގެ ސަބުބުން އަޅުގަނޑުމެންގެ އިޤްތިޞާދާއި ފަތުރުވެރިކަމުގެ އިތުރަށް ޚާއްސަކޯށް ރާއްޖޭގެ ރީތިކަމަށް ގެއްލުންތައް ވަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމް ސެވަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބުދުއް ސައްތާރު ވިދާޅުވީ އެ ކުންފުނީގެ ހުރިހާ އައުޓްލެޓެއްގައިވެސް ޕްލާސްޓިކް ފުޅިގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރަމުންގެންދާނެކަމަށެވެ. އަދި އެ ހުރިހާ ތަނެއްގައި ފިލްޓަރު ބަހައްޓާ މުވައްޒަފުންނަށް ރައްކާތެރި މިނަރަލް ފެން ފޯރުކޮށްދޭނެކަމަށެވެ. މުޙައްމަދު އަބްދުއް ސައްތާރު ވިދާޅުވީ އެ ކުންފުނިން ޕްރިންޓްކުރަން ބޭނުންކުރާ އިންކް އަކީވެސް ތިމާވެއްޓާ ރައްޓެހި އެއްޗެއްކަމަށެވެ.

އެމް ސެވަންއިން ޕްލާސްޓިކާ ދުރައްދިޔުމަށް ހަރަކާތް ފަށާފައިވާއިރު ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ކެމްޕެއިންގެދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އަންނަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލަމުންނެވެ. އެގޮތުން ފެން ބުއިމަށް ގިނަ އޮފީސްތަކުގައި މިހާރު ބޭނުންކުރަމުން އަންނަނީ ބިއްލޫރި ފުޅިއެވެ.