ޚަބަރު

ސްވިމިން ޓްރެކް ސަރަޙައްދު ތަރައްޤީކުރަން މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި


ސްވިމިން ޓްރެކް ސަރަޙައްދުގައި ޗޭންޖިން ރޫމަކާއި ފެންވެރޭނެ ފާޚާނާ ބަރިއެއް ހިމެނޭގޮތަށް ސިޑިބަރިއެއް އެޅުމަށް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި މާޒިޔާ ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ބުނެފައިވަނީ 120 ދުވަހުގެ ތެރޭގައި ސްވިމިން ޓްރެކް ސަރަޙައްދުގައި ފާޚާނާ ބަރިއަކާއި ފެންވެރޭނެ އިންތިޒާމުގެ އިތުރުން ޗޭންޖިން ރޫމަކާއިއެކު، އިޝީންދެވޭނެހެން ހިޔާކުރެވިފައިވާ ސިޑިބަރިއެއް އަޅަންވާނެކަމަށެވެ.

މާޒިޔާ ކޮންސްޓްރަކްޝަނާ ރަސްމީކޮށް މަސައްކަތް ހަވާލު ކުރުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ މިއީ މިހާރުން މިހާރަށްވެސް ސްވިމިން ޓްރެކްގައި ހުންނަން ޖެހޭނެ ވަޞީލަތްތަކެއްކަމަށާއި މި އިމާރާތުގެ މަސައްކަތް ނިމުމުން ޓްރެކް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ޗޭންޖިން ރޫމެއް ނެތުމާއި ފާޚާނާއެއް ނެތުމުން ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.

"މިއީ އަސްލު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން އެ ސަރަހައްދުގައި ހުންނަން ޖެހޭނެ ވަސީލަތްތަކެއް، އެއީ ފެތުންތެރިންވެސް އަދި އެ ސަރަހައްދު ބޭނުންކުރާ ސްކޫލް ކުދިންނަށްވެސް އެތަނުގައި ޗޭންޖް ކޮށްލެވެން، ފާޚާނާ ކޮށްލެވެން ހުންނަންވާނެ. ދެން މިހާރުވެސް ހުރޭ ހިޔާގަނޑެއް، އެކަމު އެއީ އަދި އެންމެ ރަނގަޅު ގޮތްކަމަކަށް ނުދެކެން. އެހެންވީމަ މި މަސައްކަތް ނިންމާލެވުނީމަ މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ" މިނިސްޓާރ މަޚްލޫފް ވިދާޅުވިއެވެ.

މީޑިއާތަކާއި ވާހަކަ ދައްކަވަމުން ސްވިމިން އެސޯސިއޭޝަންގެ ނާއިބު ރަޢީސް ޢިސްމާޢިލް ޢަލީ ވިދަޅުވީ މި އިމާރާތުގެ ސަބަބުން ސްވިމިން ޓްރެކުގައި މުބާރާތްތަށް ބޭއްވުމުގައި ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި ސްވިމިން ޓްރެކް ސަރަޙައްދު ބަންދުކުރަން ޖެހުނު ނަމަވެސް ޓްރެކް ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކާއި ފެތުންތެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޓްރެކް ސަރަހައްދަކީ ހުރިހާ ފެތުންތެރިންވެސް ފަރިތަކުރަންވެސް އޮތް ތަން، ދެން އަޅުގަނޑުމެން މުބާރާތްތަށް ބާއްވާއިރުވެސް އޯލްޑޭ އެ ސަރަޙައްދުގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހަރަކާތްތެރިވޭ، ޚާއްސަކޮށް އިންޓަރ ސްކޫލް މުބާރާތްތަށް ބާއްވާއިރު ދިމާވާ ގިނަ ގޮންޖެހުންތަކަށް މިކަމުގެ ސަބަބުން ހައްލު ލިބިގެންދާނެ، ދެން މަސައްކަތް ކުރިއަށްދާއިރު ޖެހިދާނެ ޓްރެކް ސަރަހައްދު ބަންދުކުރަން، އެކަމު އުންމީދުކުރަން އެ ސަރަހައްދު ތަރައްޤީކުރަން މިކުރާ މަސައްކަތަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުން ލިބޭނެ ކަމަށް" ސްވިމިންގ އެސޯސިއޭޝަންގެ ނާޢިބު ރަޢީސް ވިދާޅުވިއެވެ.

މާޒިޔާ ކޮންސްޓްރަކްޝަނުންވަނީ މޫސުން ތަންދޭނަމަ ދީފައިވާ މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު ފެންވަރަށް މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން ދީފައެވެ.