ޚަބަރު

މަނީ ލޯންޑްރިންގ ހުއްޓުވަން މަސައްކަތްކުރިން، އިސްތިއުފާދިނީ އެކަން ނުވާނެކަން ޔަޤީންވުމުން


ބެންކުތަކުގައި ޤާނޫނާ ޚިލާފަށް ހިންގި ކަންކަން ހުއްޓުވަން މަސައްކަތްކުރި ކަމަށާއި، މަޤާމުން އިސްތިއުފާ ދިނީ އެކަންކަން ނުހުއްޓުވޭނެކަން ޔަޤީންވުމުންކަމަށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އާތިފް ޝަކޫރު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގ އަމަލުތައް ހިންގިއިރު، އެފްއައިޔޫގެ ވެރިޔަކަށް ހުންނަވައިގެން އެކަން ހުއްޓުވުމަށް އާތިފް މަސައްކަތް ކުރައްވާފައި ނުވާކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

އާތިފް ވެރިޔަކަށް ހުންނެވި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީލޯންޑްރިން އާއި އެހެން ވެސް ފައިސާއާބެހޭ ކުށްތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ޔުނިޓެކެވެ. އެ ޔުނިޓްގެ މަޤްސަދަކީ ނުހަމަ ގޮތުގައި ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ޝައްކު ކުރެވޭ ފަރާތްތަކަށް ފާރަލައި، އެ ކަންކަމަށް ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާތިފް ވިދާޅުވީ، އޭނާ އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ ނޮވެމްބަރު 2014 އިން ފެށިގެން 22 ޖޫން 2015ގެ ނިޔަލަށްކަމަށެވެ. އަދި އެ ހައެއްކަ މަސްދުވަހުގެ ތެރޭގައި ޝައްކު އުފެދޭ މުޢާމަލާތެއްގެ މައްސަލަ ބެންކުން އެމްއެމްއޭއަށް ހުށަހެޅީ އެންމެ ފަހަރަކުކަމަށް އާތިފް ވިދާޅުވިއެވެ. އަދި އެ ރިޕޯޓް އެމްއެމްއޭއަށް ފޮނުވިއިރު އާތިފް ހުންނެވީ ޗުއްޓީއެއްގައިކަމަށާއި ނަމަވެސް އެމްއެމްއޭއިން އޭރު އެރިޕޯޓާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅިކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެފްއައިޔޫގެ ވެރިޔަކަށް އޭނާ ހުންނެވިއިރު ފާހަގަވި މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ޚިއްސާކުރައްވާ، އެކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. ނަމަވެސް މަޤާމުން އިސްތިއުފާދިނީ އޭރު ރާއްޖޭގެ މާހައުލު އޮތްގޮތުން އެކަންކަން ނުހުއްޓުވޭނެކަން ޔަޤީންވުމުންކަމަށްވެސް އާތިފް ވިދާޅުވިއެވެ.

"އެވަގުތު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑު ވާހަކަ ދައްކަންޖެހޭ އެންމެންނާ ވާހަކަ ދައްކާ، މިކަންތައް ހުއްޓުވަން ކުރެވެން ހުރި މަގުތައް ބަލާ ނިމުނުއިރު އަޅުގަނޑަށް ޔަޤީންވެއްޖެ މިކަމެއް އަޅުގަނޑަށް ނުހުއްޓުވޭނެކަން. އެހެންވީމަ ދައުލަތުގެ މަޤާމެއްގައި މުސާރަ ނަގައިގެން ހުރުމަށްވުރެ، އަޅުގަނޑުގެ ޒިންމާ އަދާނުކުރެވޭނެކަން ޔަޤީންވުމުން، އެކަން ބަޔާންކޮށް އެމްއެމްއޭގެ ގަވަރުނަރަށް ސިޓީއަކުން ދަންނަވާފައި އިސްތިއުފާ ދިނީ" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެފްއައިޔޫއަށް ފާހަގަވި ކަންކަމާއި، އެކަންކަން ހުއްޓުވުމަށް ކުރި މަސައްކަތާއި، އެކަމާ ގުޅޭގޮތުން މަޢުލޫމާތުތައް ޚިއްސާކުރި މުޢައްސަސާތަކުގެ ތަފްސީލް ތަހުޤީޤީ އިދާރާތަކާ ޚިއްސާ ކުރައްވާނެކަމަށެވެ. އަދި މިހާރުވެސް އެމަޢުލޫމާތު އޭސީސީއަށް ދީފައިވާނޭކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ 2015 ވަނަ އަހަރު އޭނާ މަޤާމުން އިސްތިއުފާ ދެއްވިއިރު، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށްވެސް އެފަދަ ކަންކަން ދިޔައީ ހިނގަމުންކަމަށާއި އެކަންކަން ހުއްޓުނީ ވެރިކަން ބަދަލުވުމަށްފަހުކަމަށެވެ. އާތިފް ވިދާޅުވީ އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި ދުވަސްވަރު އޭނާ ޒިންމާވާންޖެހޭކަމެއް ނުވަތަ ޖަވާބުދާރީވާންޖެހޭކަމަކަށް ފުރިހަމައަށް ޖަވާބުދާރީވުމަށް އޭނާ ހުންނެވީ ތައްޔާރަށްކަމަށެވެ.

އެފްއައިޔޫއަށް ފާހަގަވި މަނީލޯންޑްރިންގ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުމަށް އާތިފް މަސައްކަތްކުރެއްވިއިރު، އެމްއެމްޕީއާރުސީގެ ފައިސާ ބައެއް މީހުންގެ އެކައުންޓަތަކަށް ޖަމާކޮށް ހިންގި މަނީ ލޯންޑަރިން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ އާތިފްގެ މައްސަލަ ބަލައިދިނުމަށް އޭސީސީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.