ޚަބަރު

ހުޅުމާލޭގައި އަޅަން ނިންމާފައިވާ 4200 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށަނީ


ހުޅުމާލޭގައި ސަރުކާރުން އަޅަން ނިންމާފައިވާ ހަތަރު ހާސް ދުއިސައްތަ ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަޅިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 5000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ބިޑް ކުރުމުގެ މަރުހަލާގައި މިހާރުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހުޅުމާލޭގައި އަލަށް އެޅުމަށް ސަރުކާރުން ނިންމާފައިވާ 4200 ފްލެޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށާއި، އެކަމުގެ ފްރޭމްވޯކް އެގްރިމެންޓުގައި 2 ފަރާތަކާއެކު މިހާރު ސޮއިކުރުމަށް މިހާރު ސަރުކާރުން އެއްބަސްވެފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހައުސިންގ މަޝްރޫޢުތައް ހިންގުމަށް މި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން، އިމާރާތްކުމަށް ނިންމާފައިވާ 4200 ފްލެޓް ސަރުކާރުން ދޫކުރުމަށް ނިންމާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 6000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 7000 ރުފިޔާ ދައްކަންޖެހޭގޮތަށްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ 7000 ހައުސިންގ ޔުނިޓަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މި ފެލްޓްތައްވެސް ރައްޔިތުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށްޓަކާ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި ފްލެޓްތައް އޭރުގެ ސަރުކާރުން ނިންމާފައިވާގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ނިންމާލިނަމަ މަހަކަށް އެގާރަ ހާސް ރުފިޔާގެ ކުއްޔެއް ދައްކަންޖެހޭއިރު އެތަނުގެ ފްލޯ-ސްޕޭސްއަކީ ދިރިއުޅުމަށް އެކަށީގެންވާވަރުގެ ތަނެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަނުގެ ޖާގަ ބޮޑުކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއި އެކަމަށް ހިނގާނެ ޚަރަދުތަކާއެކު 2 ކޮޓަރީގެ ފްލެޓެއްގެ މަހުކުލި ތޭރާ ހާސް ރުފިޔާއަށް އަދި 3 ކޮޓަރީގެ ފްލެޓެއްގެ ކުލި ތޭވީސް ހާސް ރުފިޔާއަށް ބޮޑުވެގެންދާއިރު، މިއީ ސޯޝަލް ހައުންސިންގ ދޫކުރުމަށް އެންމެ އެކަށީގެންވާ އަގު ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އަގުތަކަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިކަން ބަލާ ދިރާސާކުރުމަށްފަހު، ސަރުކާރުން ސަބްސިޑައިޒްކޮށްގެން ނަމަވެސް ހެޔޮ އަގެއްގައި ފްލެޓްތައް އާއްމުންނަށް ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 7000 ހައުސިންގ ޔުނިޓަކީވެސް، މި ސަރުކާރުން އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ފްލެޓްތަކާއި ދާދި އެއް އަގެއްގައި ލިބޭނެ ފްލެޓްތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި އެކަމުގެ ދިރާސާތައް ކުރަމުންދާކަމަށާއި، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް މިކަމަށް އަވަސް ހައްލެއް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.