ވިޔަފާރި

ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ


ޓުއަރިސްޓް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 10 އަތޮޅެއްގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެކިއެކި ތަންތަން އިންސްޕެކްޓްކޮށް ނިމިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، އައްޑޫ ސިޓީ، މާލެ ސިޓީ، ހއ، ހދ، ށ، ވ، ފ، ފުވައްމުލަކު، ގއ، ގދ އަތޮޅުގައި ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކޮށް ނިމިފައިވާކަމަށެވެ. އަދި އިންސްޕެކްޓް ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނެނީ 37 ރިސޯޓާއި 1 ޔޮޓް މެރީނާ، 3 ޓޫރިސްޓް ހޮޓާ، 121 ގެސްޓް ހައުސް އަދި 47 ޑައިވް ސެންޓަރުކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ އިންސްޕެކްޓްކުރުމުގެ މަސައްކަތުގެ ތެރެއިން، މުވައްޒަފުންނަށް ލިބިދޭ ޚިދުމަތްތަކާއި ވަޒީފާއާބެހޭ ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި ރިސޯޓްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލާފައިވާކަމަށެވެ.

" އަޅުގަނޑުމެން ބަލަނީ މުވައްޒަފުންނަށް ލިބޭ ޚިދުމަތްތަކާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދޭ ހައްޤުތައް، ސަރވިސް ޗާޖު އަދި ދިވެހި މުވައްޒަފުންގެ މިންވަރުވެސް އަޅުގަނޑުމެން ބަލަން. އޭގެ އިތުރުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައްވެސް އަޅުގަނޑުމެން ބަލަން. އަދި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ބަލަން. މިކަންކަން އަޅުގަނޑުމެން ކުރަމުން މިދަނީ ކޮންމެ ހަފްތާއަކު އަޅުގަނޑުމެންގެ މުވައްޒަފުން ރަށްރަށަށް ދަތުރުކޮށްގެން. ރައީސްގެ އިސްނެންގެވުމަށް އަޅުގަނޑުމެން މިމަސައްކަތް ކުރަމުން މިދަނީ ޓުއަރިޒަމް މިނިސްޓްރިއާއި ފުލުހުންނާއި ސިފައިން ގުޅިގެން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިމޭނެކަމަށެވެ. އަދި އެމަސައްކަތް ނިމުމުން ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަނަށް ޓުއަރިޒަމް މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓް އެޕްރޫވަލް ސްޓިކަރ ދޫކުރާނެކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ. އަދި އެއަށްފަހު ކޮންމެ އަހަރަކު ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކޮށް، ސްޓީކަރ އާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިންސްޕެކްޝަންތަކެއް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

މި އިންސްޕެކްޝަންތައް ނިމިގެންދާއިރު ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ހުރިހާ ކަމެއް ދެނަގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށްވެސް ސަރުކާރުން ދެކެއެވެ.