ވިޔަފާރި

މުދާ އުފުލާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް!


މާލެއާއި ހުޅުމާލޭގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލުގެނެސް، މުދާ އުފުލޭ ވަގުތުތައް އިތުރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން 350 ކިލޯގެ ޕިކަޕްތަކަށް 24 ގަޑިއިރު މުދާ އުފުލޭނެކަމަށެވެ. އަދި ހެނދުނު 9:00 އިން ފެށިގެން ހެނދުނު 11:30 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުތަކަށް މުދާ އުފުލޭނެކަމަށާއި ނަމަވެސް ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެ ސަރަޙައްދުތަކުގައި މުދާ އުފުލާ އެއްވެސް އުޅަނދެއް ދަތުރުކުރުން މަނާވާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަލަށް ޢަމަލުކުރާ އުސޫލުގެ ދަށުން ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެން ދަށުގެ އުޅަނދުތަކުގައި މުދާ އުފުލޭނެކަމަށެވެ. ނަމަވެސް 350 ކިލޯއިން ފެށިގެން މަތީގެ އުޅަނދުތަކަށް އެވަގުތުގައި މުދާ އުފުލުން މަނާވާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 350 ކިލޯއަށްވުރެ މަތީގެ އުޅަނދުތަކުގައި މުދާ އުފުލޭނީ މެނދުރު 1:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށްކަމަށެވެ. އަދި ކަސްޓަމްސްއިން ނެރެގެން ގެންދާ މުދާ އުފުލަންވާނީ ބޮޑުތަކުރުފާނުމަގުންކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.

މިއުސޫލުގެ ބުރިޖު މަތިން މުދާ އުފުލުމަށްވެސް ޚާއްސަ ގަޑިތަކެއްވެއެވެ. އެގޮތުން 2 ޓަނުން ދަށުގެ އުޅަނދުތަކަށް 24 ގަޑިއިރު ބްރިޖު މަތިން މުދާ އުފުލޭއިރު، 2.1 ޓަނުން ފެށިގެން މަތީގެ އުޅަނދުތަކަށް ބްރިޖު މަތިން މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 ޖަހަންދެނެވެ.

ފެނާއި ގޭސް އުފުލާ ގަޑިތަކަށް ބަލާއިރު، 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕްތަކުގައި 24 ގަޑިއިރު ފެނާއި ގޭސް އުފުލޭނެއެވެ. އަދި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދެއްގައި ފެނާއި ގޭސް އުފުލޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އުސޫލުގެ ދަށުން، ކޮންސްޓްރަކްޝަން ސާމާނާއި ލަކުޑިއާއި ދަގަނޑުފަދަ ތަކެތި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދަށް އުފުލޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ އޮންނަ އުސޫލުގެ ދަށުން މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލު ގަޑީގައި އުފުލުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އަލަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން މުދާ އުފުލުމަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.