ހައުސިން ޔުނިޓްތަކެއް ގަތުމަށް ސީ ލައިފް ގްލޯބަލްއަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ހުޅުމާލެއިން 3000 ހައުސިންގ ޔުނިޓްތައް ގަތުމަށްޓަކައި 203 ފަރާތަށްވުރެ ގިނަ ފަރާތުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކާފައި ވީނަމަވެސް އެމަސައްކަތް ކުރިއަށް ނުގެންދިޔުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރިމެންޓެއް ހަދާފައެވެ.
މި އެއްބަސްވުމާ ގުޅިގެން އެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގައި ސަރުކާރާއި އެ ކުންފުނީގެ އިޙުމާލެއް ނެތް ކަމުގައި ޤަބޫލުކުރެވުނުކަމުގައި ވީ ނަމަވެސް، މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ވެފައިވާކަމަށެވެ. އަދި މި އެއްބަސްވުމަކީ އެފަރާތްތަކަށް ލިބިފައިވާ ގެއްލުން ކުޑަ ކޮށް އިންސާފު ހޯދައިދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ސީ ލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރުމަށް ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތަކުން ދައްކާފައިވާ ފައިސާ އާއި އެއްވަރުގެ އަދަދެއް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދިނުމަށް އެއްބަސްވެފައިވާކަންވެސް އެޗްޑީސީގެ ބަޔާނުގައިވއެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދށާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ސީލައިފް ގްލޯބަލްއާއި ދެކޮޅަށް ދަޢުވާކުރި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭގޮތަށް ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓާ ގުޅޭ މާބޮޑު ތަފްސީލެއް ލިބިފައިނުވި ނަމަވެސް އެނގިފައިވާގޮތުގައި ސީލައިފަށް ދަޢުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު އެކުންފުންޏަށް ދެއްކުމުން، ބުކިން ފީދެއްކި ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމަށް ސީލައިފުން ވަނީ އެއްބަސްވެފައެވެ.
އަދި ސީލައިފް އެޕާޓްމަންޓްތައް ގަތުމަށް ބުކިން ފީދެއްކި ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި އެކަން ފްލެޓްތައް ގަތުމަށް ބުކިން ފީ ދައްކާފައިވާ ފަރާތްތަކަށް ސީލައިފުން މިހާރު ވަނީ އަންގާފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.