ޚަބަރު

ލޯކަލް މާރުކޭޓުގެ 30 ގޮޅިއެއް ބަންދުކޮށްފި


ލޯކަލް މާރުކޭޓްގައި ޤަވައިދާ ހިލާފަށް ހިންގަމުން އަންނަ 30 ގޮޅިއެއް މާލޭ ސީޓި ކައުންސިލުން ބަންދުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ބަންދުކުރި ގޮޅިތަކަކީ ގުދަންތަކުގެ ގޮތުގައި ބައެއް ފަރާތްތަކުން ބޭނުންކުރަމުން ދާ ގޮޅިތައް ކަމަށެވެ. މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދަކީ ރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ވިއްކަން ޚާއްސަ މާރުކޭޓެވެ.

ވެރިރަށް މާލޭގެ މުހިންމު ފާހަގަތަކުގެ ތެރޭގައި ހިމެނޭ މިތަނުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އުފެއްދުންތައް ވިއްކަން ހުރުމަކީ މިތަނުގެ އެންމެ ޚާއްސަ އެއް ސިފައެކެވެ.

ލޯކަލް މާރުކޭޓަކީ ދިވެހި ދަނޑުވެރިން އުފައްދާ ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަ ތަނެއް ނަމަވެސް އެތަނުން މިހާރު ފެންނަމުންދަނީ ގޮޅިތަކުގައި ބިދޭސީން ތިބެ ވިޔަފާރި ކުރާ މަންޒަރެވެ. ބައެއް ބިދޭސީން ރާއްޖެއިން ބޭރުން މޭވާއާއި ތަރުކާރި ވިއްކަމުންވެސް ދެއެވެ. ގޮޅިތަކުގައި ތިބޭ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނައިރު މި މައްސަލައަކީ އެމީހުންގެ މައްސަލައެއް ނޫނެވެ.

މާރުކޭޓްގެ ގޮޅި ދޫކުރަނީ ދިވެހިންނަށެވެ. ކޮންމެވެސް ދިވެއްސަކު ގޮޅި ނެގުމަށްފަހު ބޮޑު ކުލީގައި އެތަން ބިދޭސީންނާއި ހަވާލުކުރެއެވެ. މަޑުމަޑުން ބިދޭސީން ގިނަވަގެންގޮސް މިހާރު ލޯކަލް މާރުކޭޓްގެ މަދު ގޮޅިއެއްގައި ނޫނީ ތިބީ ބިދޭސީންނެވެ.

ދިވެހިންގެ މާރުކޭޓެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތަކެތީގެ އިންތިހާ އަގުބޮޑުވުމާއި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތަކެވެ. ޤަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހުއްޓުވުމަށް ކަމާއި ގުޅުން ހުރި ދާއިރާތަކުން ދޭތެރެ ދޭތެރެއިން އަންނަނީ ކޮންމެވެސް އޮޕެރޭޝަނެއް ހިންގަމުންނެވެ. އެހެންނަމަވެސް މި މައްސަލަތަކަށް މިހާތަނަށްވެސް އެއްވެސް ހައްލެއް ވަނީ ނުލިބިއެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން ލޯކަލް މާރުކޭޓްގައި ޤަވައިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިވަނީ ފަށާފައެވެ. ގަވާއިދާ ޚިލާފަށް ކުއްޔަށް ދީފައިވާ ގޮޅިތައް ނަގަން ފަށާފައެވެ. އަދި ބިދޭސީންނަށް ވިއްކާފައިވާކަމަށް ފާހަގަވާ ގޮޅިތަކުގައި ހަދާފައިވާ ގުދަންތައް ބަންދުކުރަން ފަށާފައެވެ.

ސިޓީ ކައުންސިލުން ބުނީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މިކަންތައްތައް ބަލާ ދިރާސާކޮށްފައިވާކަމަށެވެ. އެގޮތުން ކޮންމެ ފަހަރަކު ސިޓީ ކައުންސިލުން ދިރާސާ ކުރުމަށް ގޮޅި ބަންދުކުރަން ދާއިރު ގޮޅީގައި ހުންނަ ބިދޭސީ މީހާ ފިލައިގެންދާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ލޯކަލް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް ކުއްޔަށް ދީފައިވާ ގޮޅިތައް ނެގުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 30 ގޮޅިއެއް ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގުދަނުގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނެވެ. ލޯކަލް މާރުކެޓްގައި ހިންގާ ބައެއް ގޮޅިތަކުގެ ވެރިންނަކީ މީރާއަށް ފައިސާ ނުދައްކާ ފަރާތްތައްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މި ފަަރާތްތަކުގެ ތެރެއިން ފައިސާދެއްކުމަށް ނޯޓިސް ދިނުމަށް ފަހު ގޮޅީގެ އެގްރީމަންޓާއި މީރާއަށް ފައިސާ ދެއްކިކަމުގެ ލިޔުންތައް ހުށައެޅި 3 ތަނަކަށް ވިޔަފާރި ކުރުމުގެ ހުއްދަދީފައިވަކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.