ވިޔަފާރި

ބިދޭސީންގެ ޑިޕޮސިޓް ރިފަންޑުގެ ޙިދުމަތް މާދަމާ ފަށަނީ


ބިދޭސީން ރާއްޖެއަށް ގެނައުމުގައި ހިމެނޭ، ޑިޕޮސިޓް ރިފަންޑުގެ ޙިދުމަތް އާދީއްތަ ދުވަހުން ފެށިގެން ދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ހުއްދައިގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދޭން ފަށާފައިވަނީ މިދިޔަ މަރޗުމަހުގެ ތެރޭގައެވެ.

މީގެ ކުރިން ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިން ހުއްދަދިނުމުގެ ކަންތައްތައް ކުރަމުން އައިސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދެމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހުއްދަދިނުމުގެ ކަންތައްތަކަކީ، ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީވުމުގެ ޚިދުމަތާއި، ކޯޓާ ހަމަޖައްސައިދިނުމުގެ ޚިދުމަތާއި، އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމުގެ ޚިދުމަތާއި، ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްގެ ޙިދުމަތެވެ.

މީގެ ތެރެއިން ޑިޕޮސިޓް ރިފަންޑުގެ މަސައްކަތްތައް ވަނީ މިދިޔަ ނޮވެމްބަރ މަހުން ފެށިގެން މެދުކަނޑާލާފައިކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓް ލޭބަރ އެންޑް އެމްޕްލޮއިމަންޓް، މޫމިނާ ވަޙީދު ވިދާޅުވީ އެ މަސައްކަތް ނުފަށާ މަޑުޖައްސާލީ އެ ޙިދުމަތް އޮންލައިންކޮށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

" އެމަސައްކަތް ނުފަށާ މަޑުޖައްސާލި އެއް ސަބަބަކީ ވަރަށް މެނުއަލްކޮށް ކުރާ މަސައްކަތްތަކެއް މިއީ، އަޅުގަނޑުމެން ބޭނުންވީ ރައްޔިތުންނަށް ފަސޭހަގޮތަކަށް މި ޙިދުމަތް ދިނުމަށް، އެގޮތުން ސިސްޓަމަށް އެންހޭންސްމަންޓެއް ގެނައުމަށްފަހު އޮންލައިންކޮށް ޑިޕޮސިޓަށް ހުށަހެޅޭނެ އިންތިޒާމެއް މި ތައާރަފް ކުރަނީ،" މޫމިނާ ވިދާޅުވިއެވެ.

ކުރިން މި ޙިދުމަތް ދެމުން އައިސްފައިވަނީ ފޯމު ހުށަހަޅައިގެންނެވެ. އަދި އިނޮކޮމިކް މިނިސްޓްރީގެ ދަށަށް މި ޙިދުމަތް ބަދަލުކުރި އިރު 12000 އެއްހާ ފޯމް ޕްރޮސިންސްގް ސްޓޭޖްގައި ހުރި ކަން އިކޮނިމިކް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މި ފޯމްތައް މިހާރު ބާތިލް ކުރެވިފައިވާ ކަމަށާއި، އެފަރާތްތަކުންވެސް އަލުން އޮންލައިންކޮށް ޑިޕްސިޓް ރިފަންޑަށް ހުށަހަޅަން ޖެހޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

އޮންލައިންކޮށް މި ޙިދުމަތް ދޭން ފެށުމުން ވަގުތު ސަލާމަތްވެ، ޙިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ދެކެއެވެ.