ސިޔާސީ

ޔާމީންގެ ޝަރީޢަތް ޓީވީން ލައިވް ކުރަނީ


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ޓީވީއިން ލައިވް ކުރުމަށް ހަމަޖެހިއްޖެ އެވެ.

ޔާމީންގެ ޝަރީޢަތް ލައިވް ކުރަން ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭރަޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމްވެސް ވަނީ “ޕީއެސްއެމް ނިއުސް” އަށް ޔަގީން ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ލައިވް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާކަމަށެވެ. އަދި ވިދާޅުވީ ލައިވް ކުރާނީ ޓީވީއެމްއިން ކަމަށާއި އެހެން ޗެނަލްތަކަށް ދޫކުރާނީ ޓީވީއެމްގެ ލައިވް ފީޑު ކަމަށެވެ.

ޔާމީންގެ ޝަރީޢަތް ލައިވްކުރަން ނިންމާފައިވާއިރު މާދަމާ ހެނދުނު ޔާމީންގެ ޝަރީޢަތެއް ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފައެވެ. ޝަރީޢަތް ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު 12:45 އަށެވެ.

ޔާމީންގެ ޝަރީޢަތް ލައިވް ކުރަން ނިންމިއިރު ޝަރީޢަތް ލައިވް ކުރަން ޕީޖީގެ ފަރާތުންވެސް އަދި ޔާމީންގެ ފަރާތުންވެސް ކޯޓުގައި އެދިފައެއް ނުވެއެވެ.

މިހާތަނަށް ރާޖޭގައި ޝަރީޢަތެއް ޓީވީން ލައިވް ކޮށްގެން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް މީގެކުރިން ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅޭ ޝަރީއަތް ރޭޑިއޯއިން ލައިވް ކުރި އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެ ކޯޓުން ކުރި އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ.

ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ. މި މައްސަލަތައް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހުވެސް ވަނީ ބާއްވާފައެވެ.