ކުޅިވަރު

ކޮމޮރޯސްގެ މައްޗަށް ޤައުމީ ޓީމު ކުރި ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކޮމޮރޯސްގެ މައްޗަށް ކުރިހޯދައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މެޑަލްއަކަށް ކުރަމުންދާ އުއްމީދު ދަހައްޓައިފި އެވެ.

މުބާރާތުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ދެވަނަ މެޗް ކޮމޮރޯސްއާއި ވާދަކޮށް ރާއްޖެއިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން ނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރިކުޅުމެއް ފެނިގެންދިޔައިރު މިސެޓު ރާއްޖެއިން ގެންދިޔައީ 25-23 އިން ނެވެ. ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ޚާއްސަކޮށް މިސެޓުގައި ރާއްޖޭގެ ހަސަން ނިލާމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މިސެޓު ރާއްޖެއިން ގެންދިޔައީ 25-20 އިން ނެވެ.

ތިންވަނަ ސެޓު ފެށިގެން ކޮމޮރޯސްއިންވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ރާއްޖެއިން ސެޓު ފެށިގެން ލީޑުގައި ކުޅެމުން ދަނިކޮށް ކޮމޮރޯސްއިންވަނީ ފަހަތުން އަރައި 11-11އިން ސްކޯ އެއްވަރުކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން އިސްމާޢިލް ސާޖިދާއި އަޙުމަދު ހުޒާމްގެ ފަރާތުން ވަނީ ވަރުގަދަ އެޓޭކްތަކެއް ފެނިގެން ގޮސްފަ އެވެ. އެއާއިއެކު ރާއްޖެއިން ވަނީ ލީޑު ފުޅާކުރަމުންގޮސް ފަސޭހަކަމާއެކި 25-19 އިން މިސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މަޑަގަސްކަރ އަތުން ބަލިވީ ސީދާ ތިންސެޓުން ނެވެ. މެޗުގެ ސެޓުތަށް މަޑަގަސްކަރ އިން ގެންދިޔައީ 25-21، 25-20، އަދި 25-21އިން ނެވެ.

މިނަތީޖާއާއެކު ރާއްޖެއިން މާދަމާ ރީޔޫނިއަން އާއި ވާދަކުރާމެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ ދެވަނަބުރުން ޖާގަ ލިބޭނެ އެވެ.