ކުޅިވަރު

މޮޅުވުމުގައި ސާޖިދުއާއި ނިމާލްގެ ހިއްސާ ބޮޑު - ކޯޗު


ކޮމޮރޯސް ބަލިކުރެވުނީ އިސްމާއިލް ސާޖިދާއި ހަސަން ނިލާމް މެޗުގައި މޮޅަށް ކުޅުމުން ކަމަށް ރާއްޖޭގެ ޤައުމީ ވޮލީބޯލް ޓީމުގެ ކޯޗު ސާޖިދު ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ވޮލީ ޓީމް ކުޅުނު ދެވަނަ މެޗުގައި ކޮމޮރޯސްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗަށްފަހު ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނީ މެޗުން މޮޅު ސާޖިދާއި ނިލާމް މެޗުގައި މޮޅަށް ކުޅުމުން ކަމަށެވެ. އަދި ދިވެހި ވޮލީ ގާތުން ބަލާ ކޮންމެ މީހަކަށްވެސް ނިލާމް އާއި ސާޖިދު ނުލާ ދިވެހި ޓީމަށް މޮޅެއް ނުލިބޭނެކަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

މީގެއިތުރުން ސާޖިދު ކޯޗު ބުނީ މިމެޗުގައި މުޅި ޓީމުވެސް މޮޅަށް ކުޅުނު ކަމަށާއި އެންމެ ހިތްހަމަ ޖެހުނީ ޕޮއިންޓެއް ގެއްލޭ ހިސާބުން ޓީމު ރޫޅުނަނުދީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް އަލުން ޕޮއިންޓް ހޯދަން މަސައްކަތް ކުރި މަންޒަރު ފެނުމުން ކަމަށެވެ.

ވޮލީ ޓީމް މިއަދު ކުޅޭ މެޗުގައި ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަނުން ރިޔޫނިއަން އާއި ދެކޮޅަށެވެ. ކޯޗު ސާޖިދު ބުނީ މިމެޗަށް ނިކުންނާނީ ޕޮއިންޓެއް ހޯދަން ކަމަށާއި ރިޔޫނިއަން އަތުން ޕޮއިންޓެއް ލިބިއްޖެނަމަ ސެމީ ފައިނަލަށް ދަތުރު ކުރުމުގެ އުއްމީދު އިތުރުވެގެން ދާނެ ކަމަށެވެ.