ވިޔަފާރި

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީން


މިއަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑުބައެއް ޚިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ލިބިފައިވާ 1.5 ބިލިއަން ޑޮލަރާއި ޓީ-ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ 2.9 ބިލިއަން ޑޮލަރެވެ.

ޖީއެސްޓީއަށްފަހު ދެވަނައަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްއިންނެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

3 ވަނައަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ދައުލަތަށް އާމްދަނީ ލިބޭ އެހެން ދާއިރާތަކަށް ބަލާއިރު، ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 971 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެކި ބާވަތުފެ ފީއާއި ޗާޖުގެ ގޮތުގައި 850 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 12.17 ބިލިއަނަށް އަރާއިރު، އެމުއްދަތުގައި ކުރެވުނު ހަރަދު، ލިބުނު އާމްދަނީއަށްވުރެ 516 މިލިއަން ރުފިޔާ އިތުރެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ 12.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.