ޚަބަރު

ދިވެހިންނަށް މިއަދުން ފެށިގެން އޮންއެރައިވަލް ވިސާގައި ރަޝިޔާއަށް ދަތުރުކުރެވޭނެ


މިއަދުން ފެށިގެން 90 ދުވަހުގެ އޮން އެރައިވަލް ވިސާގައި ދިވެހިންނަށް ރަޝިޔާއަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިގޮތަށް ހަމަޖެހިފައި މިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިދިޔަ މަހު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ސޮއިކުރެވުނު ވިސާއާ ގުޅޭ އެއްބަސްވުމުގެދަށުން، އެއެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ދެޤައުމުގެ ރައްޔިތުންނަށްވެސް 90 ދުވަހުގެ އޮންއެރައިވަލް ވިސާގައި ދަތުރުކުރެވޭގޮތަށް ހަމަޖައްސާފައިވާތީއެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުއާ ރަޝިޔާގެ ފޮރިންގ މިނިސްޓަރ ސަރުގޭ ލަވްރޯފް ސޮއިކުރެއްވި މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއެކު އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުންކަމަށް ފޮރިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ދަށުން ރަޝިއާގެ ރައްޔިތުންނަށްވެސް ރާއްޖެއިން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެއެވެ.

ރަޝިޔާއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 14 ސެޕްޓެމްބަރ 1966ގައެވެ. ރާޢްޖެއިން މިހާރު ދަނީ ރަޝިޔާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މިކަން ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙް މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ޖޫން މަހު ފޮރިން މިނިސްޓަރު އެޤައުމަށް ކުރެއްވި ދަތުރުފުޅުގައި އެކަމާގުޅޭ މަޝަވަރާތައްވެސް ދެޤައުމުންވަނީ ކުރިއަށްގެންގޮސްފައެވެ.

ސަރުކާރުން ޚާރިޖީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިންވަނީ އަވައްޓެރި ސްރީލަންކާއާއި އިންޑިއާއަށްދާ ދިވެހިންގެ ވިސާގެ މުއްދަތު 90 ދުވަހަށް އިތުރުކުރުމުގެ އެއްބަސްވުން އައުކޮށް، ޔުއޭއީ އާއި ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށްވެސް އޮންއެރަވައިލް ވިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ.