ވިޔަފާރި

ފެނާއި ނަރުދަމާ ހޮޅި އެޅުމަށް ހުޅުމާލެ ބީޗު ސަރަޙައްދު ބަންދުކޮށްފި


ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ފެނާއި ނަރުދަމާ ހޮޅިތައް ގުޅާލުމުގެ މަސައްކަތްކުރުމަށް ހުޅުމާލެ ބީޗު ސަރަޙައްދު ބަންދުކޮށްފިއެވެ.

އެޗްޑީސީން ހުޅުމާލެ ބީޗު ސަރަޙައްދު ބަންދުކޮށްފައި މިވަނީ މިމަހުގެ ނިޔަލަށް ހުޅުމާލޭ ބީޗު ސަރަޙައްދުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން، އެތަންތަން ހުސްކުރަން މިމަހުގެ ކުރީކޮޅު ނޯޓިސް ދިނުމަށްފަހުއެވެ. އަދި ނޯޓިސް ދިނުމަށްފަހު އެޗްޑީސީން މިއަދު ވަނީ ހުޅުމާލެ ބީޗު ސަރަޙައްދު ނުވަދެވޭހެން ޓޭޕް ދަމާ ބަންދުކޮށްފައެވެ.

އެޗްޑީސީން މީގެކުރިން ބުނެފައިވަނީ، އެކުންފުނިން ދީފައިވާ މުއްދަތުގައި އެތަންތަން ހުސްނުކޮށްފިނަމަ، އެޗް.ޑީ.ސީން ގޮސް އެތަންތަން ނަގާނެކަމަށެވެ.

އެޗްޑީސީން ހުޅުމާލެ ބީޗު ސަރަޙައްދު ބަންދުކުރަން ނިންމީ، ހުޅުމާލޭގެ ފުރަތަމަ ފޭސްއާއި ދެވަނަ ފޭސްގެ ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާއިރު، ބީޗު ސަރަޙައްދުވެސް ހިމެނޭ ގޮތަށް އެމަސައްކަތް ކުރިއަށްގެންދަންޖެހޭތީއެވެ.

ހުޅުމާލޭ ބީޗުގައި މޭޒާއި ގޮނޑިޖަހައިގެން އެ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ހޯޓާ ރެސްޓޯރެންޓުގެ ވިޔަފާރިކުރަމުންދާތީ، އެތަންތަން ހުސްކުރުމަށް އެޗް.ޑީ.ސީން ވަނީ މިއަހަރުގެ ކުރީކޮޅުވެސް އަންގާފައެވެ. ފަހުން އެ މަސައްކަތް މަޑުޖައްސާލިނަމަވެސް، އެ ފަރާތްތަކާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އޯގަސްޓްމަހުގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފަށާނެކަން ކުރިން އަންގާފައިވާނެކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 15 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.