ވިޔަފާރި

ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް


މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ހާމަކޮށްފައިވަނީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ.

އެމްއެމްއޭއިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، އިމާރާތްކުރުމުގެ ދާއިރާއަށް 45 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިފައިވާއިރު، އެ ދާއިރާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަންވެސް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ތަކެތީގެ އަގުބޮޑުވުމާއި މާލީގޮތުން ކުންފުނިތަކަށް ކުރިމަތިވާ ގޮންޖެހުންތައް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގައި ދިވެހިން މަދުވުމާއި ތަމްރީން ލިބިފައިވާ މީހުން މަދުކަންވެސް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިއަހަރުގެ 3 ވަނަ ކުއާޓަރުގައިވެސް އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުންތަކެއް އަންނާނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.